ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މުވައްޒަފު މަރުވުމުގައި ރިސޯޓުގެ އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގުކުރަން ފަށައިފި އެވެ.

އެ މުވައްޒަފު މަރުވުމުގައި ރިސޯޓުން އިހުމާލުވެފައިވާ ކަމުގެ ތުހުމަތުތަކާއެކު އާއިލާއިން ވަނީ އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅަން ނިންމައިފަ އެވެ. ނަމަވެސް އެޗްއާރްސީއެމުން މިއަދު ބުނީ އެ ކޮމިޝަނުން އިސްނަގައިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކަނޑިންމަ ރިސޯޓުގައި ހުއްޓައި ހާލު ބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލުގައި ގެންގޮސް، ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 60 އަހަރުގެ އާދަމް ނަސީރެވެ. އޭނާ މަރުވުމުން ހެދި ކޮވިޑް ޓެސްޓު ވަނީ ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އޭނާ ފަރުވާއަށް އާއިލާގެ ގާތަށް ރަށަށް ފޮނުވައިދޭން ތަކުރާރުކޮށް އެދުމުން ވެސް އެކަން ރިސޯޓުން ހަމަޖައްސައި ނުދީ ލަސްކުރި ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

އެ މަރުގައި ރިސޯޓުގެ އިހުމާލު އޮތް ކަމަށް އޭނާގެ އާއިލާގެ އިތުރުން ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަނުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޮވިޑް ޖެހިގެން މަރުވިކަން އެނގުމާއެކު އެ ރިސޯޓުގައި ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ. އަދި މިހާތަނަށް މިހާތަނަށް 46 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.