ޝަހީދު ހުސައިން އާދަމްގެ ޖިހާދަކީ ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ، ޝަހީދު ހުސައިން އާދަމްގެ ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުހައްމަދަށް މިއަދު ފޯނުން ގުޅުއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވަނީ ނޮވެންބަރު 3ގެ އުދުވާނީ ހަމަލާގައި ހުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ އަގު ވަޒަން ކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހިންގެ މަދު ބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ފުރާނަ ގުރުބާން ކުރައްވައި ސަހީދު ހުސައިން އާދަމް އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީހުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ، ޝަހީދު ހުސައިން އާދަމަށްޓަކައި މުޅި ދިވެހި ގައުމު ފަހުރުވެރިވާ ކަމަށެވެ.

ނޮވެންބަރު 3ގެ އުދުވާނީ ހަމަލާގައި ސިފައިންނާއި އާންމު ރައްޔިތުން ހިމެނޭހެން 19 ދިވެހިން ޝަހީދު ކޮށްލިއެވެ.