ހޮންގްކޮންގް އިން ރެކޯޑް އަދަދަކަށް މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ހޮންގްކޮންގެ އޮފިޝަލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ކްރިސްޓަލް މެތު"ގެ ބައި ޓަނަށް ވުރެ ގިނަ އަދަދެއް ހޯދައިފައެވެ.

އޮފިޝަލުން ވަނީ އަތުލައިގަތް މަސްތުވާތަކެތީގެ އަގު 39 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައެވެ.

މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ސިމެންތި ބަސްތާތަކަކާއެކު ކޮންޓައިނަރެއްގެ ތެރޭ ރައްކާކޮށްފައި ހުއްޓައި މިދިޔަ ބުރާސްފަތި ދުވަހުއެވެ. ކޮންޓެއިނަރު ޝިޕް ކުރުމަށް ހަމަޖެހިފައިވަނީ ވިއެޓްނާމުން އޮސްޓްރޭލިއާ އަށެވެ. ހޮންކޮންގުގެ އޮފިޝަލުން ވަނީ ޝައްކު އުފެދުނީ ކޮންޓެއިނަރުގައި ހުރި މުދަލާއި ދާ ރޫޓުގެ ސަބަބުން ކަމަށް ބުނެފައެވެ.

ކޮންޓެއިނަރު ގެންދިއުމުގެ ދަތުރު ފުރަތަމަ ފަށާފައިވަނީ މެކްސިކޯއިންނެވެ. އެއަށްފަހު ދެކުނު ކޮރެއާއިން ގޮސް ވިއެޓްނާމްގައި ތިން މަސްދުވަސް ވަންދެން ދަތުރުފަތުރު ހުއްޓާލުމާ ގުޅިގެން ތާށިވެފައި ވެއެވެ. އަދި އޮސްޓްރޭލިއާ އަށް ދިއުމުގެ ކުރިން ކޮންޓޭނަރު ވަނީ ހޮންގޮކޮންގަށް ޓްރާންސިޓްވެސް ކޮށްފައެވެ. އެއާއެކު ރޫޓު ތަކާމެދު ޝައްކުވެގެން ހޮންގްކޮންގުގައި ތަހުގީގަށް ހުއްޓުވާފައި ވެއެވެ.

ހޮންގްކޮންގުގެ އޮފިޝަލުން ވަނީ ކޮވިޑާއެކު މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންގެ މަސައްކަތަށް ގިނަ ހުރަސްތަކެއް އެޅިފައިވާކަމަށް ބުނެފައެވެ.