ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ރެއާލް މެޑްރިޑް ޖާޒީގައި އެޑެން ހަޒާޑް ޖެހި ފުރަތަމަ ގޯލާއެކު ރެއާލްއިން ލަލީގާގައި ހުއެސްކާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރޭ ރޭއަލްގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ކުރިހޯދީ 4-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ 11 ގައި ހަޒާޑް ހިމެނުނީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހުއެވެ. ޗެލްސީން ރެއާލްއަށް ބަދަލުވެ ހަޒާޑަށް ރަނގަޅު ފޯމެއްގައި ކުޅުމަށް އުނދަގޫތަކެއް ދިމާވީ އޭނާގެ ފިޓްނަސް މައްސަލަތަކެއް ދިމާވުމުންނެވެ. މިދިޔަ ސީޒަންގައިވެސް އެންމެ އެދެވޭ ކުޅުމެއް ހަޒާޑަށް ދެއްކިފައި ނުވާއިރު، މި ސީޒަން ފެށިއިރުވެސް ހަޒާޑް ހުރީ ފިޓްކޮށެއް ނޫނެވެ.

ރޭގެ މެޗުގައި ރެއާލްގެ ފުރަތަމަ ގޯލް ޖެހީވެސް ހަޒާޑެވެ. ޕެނެލްޓީ އޭރިއާ ބޭރުން ޑިފެންޑަރު ކައިރިން ނައްޓައިލުމަށްފަހު ހަޒާޑް ދުރުން ފޮނުވާލި ހަމަލާ އަމާޒުކުރީ ގޯލްގެ ކަނަށެވެ. ހަޒާޑްގެ އިތުރުން ރޭގެ މެޗުގައި ކަރިމް ބެންޒެމާ ދެ ގޯލް ޖެހިއިރު، އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭވެސް ވަނީ ގޯލެއް ޖަހައިފައެވެ.

ރޭގެ މެޗުގައި ރެއާލްއާ އިދިކޮޅަށް ކުޅުނު ހުއެސްކާގެ ހަމައެކަނި ގޯލް ޖަހައިދިނީ ޑޭވިޑް ފެރޭރޯއެވެ.

މި ސީޒަން ވަނދުކޮށް ފެށި ރެއާލްއިން ރޭގެ މެޗަށް ނުކުތްއިރު އެންމެފަހުން ކުޅުނު ހޯމް ދެމެޗުންވެސް އޮތީ ބަލިވެފައެވެ. ރެއާލްއިން ރޭ ހޯދި މޮޅާއެކު ތާވަލު އެއްވަނައަށް ޖެހިލާފައި ވަނީ ދެ ޕޮއިންޓްގެ ލީޑެއްގައެވެ.