ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީންގެ ވޯކް ވީސާ ފީ އޮންލައިންކޮށް ދެއްކޭނެ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަދައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ވޯކް ވީސާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރުމަށްފަހު، އެކިއެކި ސަބަބުތައް މެދުވެރިވެ ރާއްޖެއިން ފުރާފައިވާ ބިދޭސީންގެ ތެރެއިން، ވޯކް ވިސާގެ ފީގެ މުއްދަތު ހަމަވެ، އޮންލައިންކޮށް ފީ ދެއްކެން ނެތުމުގެ ސަބަބުން ވިސާ ކެންސަލްނުކުރެވިވާ ފަރާތްތަކުގެ ވީސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ވޯކް ވިސާ ފީ ދެއްކެވުމަށް އެދޭ ފަރާތްތަކުން "މިސަލޭނިއަސް ވޯކް ވިސާ ފީ ފޯމު" ފުރިހަމަކުރުމަށްފަހު، [email protected] އަށް މެއިލް ކުރެއްވުމުން، ރަސްމީ މަސައްކަތު ހަތް ދުވަސް ތެރޭ ފީ ދެއްކުމަށް ބޭނުންވާ މައުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލެވޭނެ ކަމަށާއި ފީ ދެއްކުމަށް ބޭނުންވާ މީހާގެ ރެކޯޑް ސެލެކްޓް ކުރުމުން، ވީސާ ފީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ފެންނާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، "މިސަލޭނިއަސް ވޯކް ވީސާ ފީ ފޯމު" ހުށަހަޅާނީ ވޯކް ވީސާ ފީ ދެއްކުމަށްފަހު ވީސާ ކެންސަލްކުރަން އެދޭ ފަރާތްތަކުން ކަމަށެވެ. އަދި އަޕްޑޭޓް ކުރެވިފައިވާ ރެކޯޑަށް އޮންލައިންކޮށް ފީ ދެއްކެމަށް ދެވިފައިވާ މުއްދަތު ކަމަށްވާ 90 ދުވަސް ހަމަވުމުގެ ކުރިން ފީ ދެއްކުމަށް އެދޭ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ، ވޯކް ވިސާގެ މުއްދަތު ހަމަކުރެވި އާކުރެވެން ނެތް ފަރާތްތަކާއި އެހެނިހެން ބާވަތްތަކުގެ ވިސާ ލިބިގެން ރާއްޖޭގައި އުޅެމުންގެންދާ ފަރާތްތަކުގެ ތެރެއިން އެފަރާތަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އާކުރެވެން ނެތް ހާލަތްތަކުގައި ރާއްޖެއިން ފުރާ ބިދޭސީންނަށް އިމިގްރޭޝަން ކްލިއަރެންސް ދެވޭނީ "އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ" ފޯމު ފުރިހަމަ ކޮށްފައިވާނަމަ ކަމަށެވެ. އަދި އެ އިންތިޒާމުގެ ތެރެއިން ރާއްޖެއިން ފުރޭނީ މިއަހަރުގެ ޑިސެންބަރުގެ ނިޔަލަށް ކަމަށްވެސް ބުންޏެވެ.