އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ ފަރާތުން ސަވައިވިންގް ވިންޓާ 2020ގެ ނަމުގައި ކެމްޕޭނެއް ލޯންޗުކޮށްފިއެވެ.

އައިއޭސީން ސަވައިވިންގް ވިންޓާ 2020 ކެމްޕޭން ލޯންޗުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މީގެ ކުރިންވެސް ފިނި މޫސުމާ ދިމާކޮށް އައިއޭސީގެ ފަރާތުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިއަހަރުގެ ސަވައިވިންގް ވިންޓާ ކެމްޕޭނަކީ އައިއޭސީން ކުރިއަށްގެންދާ މިފަދަ ތިންވަނަ ކެމްޕޭނެވެ.

މިއަހަރުގެ ސަވައިވިންގް ވިންޓާ ކެމްޕޭނުގެ ތެރެއިން އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސީރިއާ، ޔަމަން، ފަލަސްތީން ރައްޔިތުންގެ އިތުރުން ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންނަށެވެ.

އައިއޭސީން ބުނީ މި ހަރަކާތް ކުރިއަށްދާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 20ގެ ނިޔަލަށް ކަމަށެވެ.

ސަވައިވިންގް ވިންޓާ 2020ގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޕެކޭޖް ހަމަޖެހިގެންދާނެއެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާއެވެ. މި ޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުންކުރެވޭނެ އެކި ކަހަލަ އާލާތްތައް، ކާބޯތަކެތި އަދި ސާފުތާހިރުވުމަށް ބޭނުންކުރެވޭނެ ހައިޖީން ޕެކް ހިމެނިގެން ދާނެއެވެ.

އައިއޭސީން ބުނީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ އަަސަރު އެ ގައުމުތަކަށް ކޮށްފައިވުމުގެ ސަބަބުން، މި އަހަރުގެ ސަވައިވިންގް ވިންޓާ ޕެކޭޖުގެ ތެރޭގައި ޕެންޑެމިކް ރިލީފަށް ބޭނުންވާ އެކި ކަހަލަ ތަކެތީގެ އެހީ ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އެގޮތުން އާއްމު ރައްޔިތުންނަށް ކޮވިޑް 19އިން ރައްކާތެރިވުމަށް ދެވޭ ތަކެތީގެ އިތުރުން ކޮވިޑް 19ގެ ކަންކަމުގައި އެތަނެއްގެ ހޮސްޕިޓަލަށް ނުވަތަ މެޑިކަލް ސެންޓަރަށް ބޭނުންވާނެ ސަމާނުވެސް މީގެ ތެރެއިން ހަވާލުކުރެވިގެންދާނެ ކަމަށް އައިއޭސީން ބުންޏެވެ.

މީގެ އިތުރުން އައިއޭސީން ބުނީ، ފިނި މޫސުމާ ދިމާކޮށް ދަތި ހާލުގައި ދިރިއުޅެމުން އަންނަ މި ފަރާތްތަކަށް އިތުރު ތަކުލީފުތަކެއް އުފުލަން ޖެހިފައިވާތީ، އައިއޭސީން އެ ކެމްޕޭން ރާވާފައިވަނީ އެހީގެ ގޮތުގައި ހޫނުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ސޯލާ ހީޓިން ފަދަ ދެމެހެއްޓެނިވި ގޮތްގޮތުން އެކަން ކުރުމަށް އިސްކަން ދެވޭނެކަން އައިއޭސީން ފާހަގަކުރެއެވެ.

ބޯހިޔާވަހިކަމުގެ އެހީގެ ގޮތުގައި، ފެންވަރު ރަނގަޅު ޓެންޓް، ބްލޭންކެޓް، ފިނިން ރައްކާތެރިވެވޭނެ ފަދަ އަންނައުނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖައްސައިފައެވެ.

މި ކެމްޕޭންގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް 1000 ރުފިޔާގެ ޕެކޭޖެއް ހަމަޖައްސާފައިވީ ނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ސަވައިވިންގް ވިންޓާ 2020 އަށް ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތަކަށް ދެވުނު މިންވަރެއް ހަދިޔާކޮށްގެން މި ކެމްޕޭނުގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު އައިއޭސީން ވަނީ ހުޅުވާލައިފައެވެ. އައިއޭސީން ބުނި ގޮތުގައި، މި ކެމްޕޭނުގެ ތެރެއިން ލިބޭ އެހީ ބޭނުން ކުރެވިގެންދާނީ އެ ގައުމަކަށް ފީނިމޫސުމުގައި އެންމެ މުހިންމުވެފައިވާ ކަންކަމަށެވެ.

މި ހަތަރު ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީއެމްއެލް އިސްލާމިކުގެ ހަތަރު އެކައުންޓެއް ހާއްސަކޮށްފައިވެއެވެ.

ފަލަސްތީން: 7770000026261

ރޮހިންޔާ: 7770000026265

ޔަމަން: 7770000026264

ސީރިއާ: 7770000026263

މި ކޭމްޕޭނާ ބެހޭ އިތުރު މައުލޫމާތު ބޭނުން ފަރާތްތަކުން، އައިއޭސީގެ ހޮޓްލައިން ނަންބަރު، 9122121 އަށް ގުޅުމަށް އެ ޖަމިއްޔާއިން އެދެއެވެ.