އެމެރިކާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުމަށް ގިނަ ލުއިތަކެއް ދެއްވާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަޑް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޕޮމްޕެއޯ ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"އެމެރިކާއިން ދޫކޮށްފައިވާ ލޯނުތައް ދެއްކުމަށް ގިނަ ލުއިތަކެއް ދޭނަން. ފަތުރުވެރިކަން އަލުން ކޮޅަށް ޖަހަން އެހީތެރިވެދޭނަން،" އޭނާ ވިދާޅުވިއެވެ.
ޕޮމްޕެއޯ ވިދާޅުވީ ކޮވިޑަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް އެމެރިކާއިން ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަސް މުސްތަގުބަލެއްގައި ވެކްސިންގެ މަސައްކަތް ނިމޭނެ ކަމަށެވެ. ރާއްޖެއަށްވެސް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޕޮމްޕެއޯގެ ވާހަކައިގައި އޭނާ ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޕޮމްޕެއޯ ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށާއި ރާއްޖޭގެ އިގުތިސާދަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށެވެ. އަދި ޕެރިސް ޕެރިސް އެގްރިމެންޓަކީ ޖޯކެއް ކަމަށާއި އެ އެގްރީމެންޓުގައި ސޮއިކުރި ގައުމުތަކުން އެ އެގްރީމެންޓާ އެއްގޮތަށް އަމަލުކުރުމަށް އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
"މިސާލަކަށް ޗައިނާ ބަލަމާ. ޗައިނާއަކީ އެންމެ ގިނަ އަދަދަކަށް ވައި ތަގައްޔަރުކުރާ ގައުމު. ޗައިނާއަކީ ރާއްޖެއަށާއި ރާއްޖޭގެ އިގުތިސޯދަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ. ބެއިޖިންއަކީ އެންމެ ގިނައިން ސީއޯ2 މި ސަރަހައްދުގައި އުފައްދާ ސިޓީ. ބެއިޖިންއާ ބެއިންޖިން ވަށައިގެންވާ ސަރަހައްދުތައް ބެލުމުން އެކަން ސާފުވާނެ،" ޕޮމްޕެއޯ ވިދާޅުވިއެވެ.
ޑިމޮކްރެޓިކް ދެ ގައުމަކުން އެއް މަންޒިލަކަށް ވާސިލުވުމަށްޓަކައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ޕޮމްޕެއޯ ވިދާޅުވީ ރާއްޖެއިން ބޭނުންވާ އެންމެ މުހިންމު ކަންކަން ރަނގަޅު ގޮތުގައި ކާމިޔާބު ކުރެވިގެންދާނީ އެމެރިކާ ފަދަ އެކުވެރި އަދި ޑިމޮކްރެޓިކް ގައުމަކާއެކު މަސައްކަތް ކުރެވިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު