ރާއްޖެ އާއި އެމެރިކާގެ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި އެވެ.

ޝެރަޓަން ރިސޯޓުގައި އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ދެމެދު އެވެ. މި ބައްދަލުވުމުގައިި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްވަރާ ބައްދަލުވުމަށްފަހު ހަވީރު 4:00 ޖަހާއިރު މިނިސްޓަރު ޝާހިދާއި ޕޮމްޕެއޯގެ ހާއްސަ ޕްރެސް ސްޓޭޓްމަންޓެއް ދެއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ޕްރެސް ސްޓޭޓްމަންޓް ދައުލަތުގެ ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެ އެވެ.

ފޮރިން މިނިސްޓަރު ޝާހިދާ ބައްދަލުކުރައްވައި މަޝްވަރާތައް ބޭއްވުމުގެ ކުރިން ޕޮމްޕެއޯ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުން އޮތީ ރައީސް އޮފީހުގަ އެވެ. އަދި މި ބައްދަލު ކުރެއްވުމުގައި ޕޮމްޕެއޯ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހާރިޖީ ލަފާ އަރުވާ އެންމެ އިސް ފަރާތް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 28 އަހަރަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ. އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ އެވެ.