ރާއްޖެ އާއި އެމެރިކާގައި ދެ ގައުމުގެ އެމްބަސީ ހުޅުވަން ނިންމައިފި އެވެ.

އެކަން ރައީސް އޮފީހުން އާންމުކޮށްފައިވަނީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި މަޝްވަރާ ބައްދަލުވުމަށްފަހުގަ އެވެ.

މިހާރު ރާއްޖެއަށް އެމެރިކާގެ ފަރާތުން ހިދުމަތްދޭ އެމްބަސީއަކީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީއެވެ. އަދި އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް މިވަގުތު ނުހުރެ އެވެ.

ރައީސް އޮފީހުން ބުނީ، އެމެރިކާގައި ހުޅުވާ އެމްބަސީގެ ސަބަބުން އެމެރިކާއަށް ދާ ދިވެހިންނަށް އިތުރު ފުރުސަތުތައް ހުޅުވި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން މިއީ ބައިނަލްއަގްވާމީ ގޮތުން ސަރުކާރުން ހާސިލުކުރަމުން އަންނަ ކާމިޔާބީގެ ހެއްކެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.