ބޭންކަށް ޖަމާކުރަން ގެންދިޔަ ފަސް މިލިއަން ރުފިޔާ ފޭރެން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ.

ފޭރެން އުޅުމުގެ މި ހާދިސާ ހިންގާފައި ވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ވެހިކަލުން ފޭރެން މަސައްކަތްކޮށްފައިވަނީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހެކެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ފައިސާތައް ހުރި ފޮށިގަނޑު އެމީހުން ފޭރެން އުޅެނިކޮށް، ހުއްޓުވާފައިވަނީ ބީއޯސީގެ ސެކިއުރިޓީ ގާޑެކެވެ. އަދި ފައިސާ ފޭރެން އުޅުނު މީހުން އަތުލައިގަތުމަށް ސައިކަލެއްގައި ދިޔަ އެހެން މީހަކު މަސައްކަތްކުރާ ތަން ވެސް ވީޑިއޯ އިން ފެނެއެވެ.