އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އަށް ފިޔަވަޅު އަޅަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭޕްރިލް 2019 އަދި މިއަހަރުގެ އޮކްޓޯބަރު މަހު އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ އޭޕްރިލް އިން ފެށިގެން މިއަހަރުގެ އޮކްޓޯބަރާ ދެމެދު ވެސް އެކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. ނަމަވެސް އަޅަން ނިންމާފައިވަނީ ކޮން ފިޔަވަޅެއް ކަމެއް ނުބުނެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ އެކަޑަމީގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި އަމިއްލަ ހަރަދުގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންތަކެއް ވެސް ހިމެނޭތީ، އެ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން، އެތަނުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު މިމިނިސްޓްރީއަށް ހުށަހަޅަން އަންގާފައިވާ ކަމަށެވެ. އެ ޕްލޭން ހުށަހަޅަން އަންގާފައިވަނީ މިއަދުން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ އެކެޑަމީން ހުށަހަޅާ ޕްލޭނެއް ކުރިއަށް ގެންދިއުމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެވޭނެ ކަމަށެވެ. އެގޮތުން އެ ޕްލޭންއާ އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކަޑަމީގައި އެންރޯލް ނުކުރެވޭނެ ކަމާއި ސިވިލް އޭވިއޭޝަނުން އޮކްޓޯބަރު މަހު ފުރިހަމަ ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާ ގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަންސް ބަދަލުކުރުމަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ދެފުށް ފެންނަ ގޮތަށް، ދުރާލައި ޝެޑިއުލްތައް ތާވަލުކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށާއި އެއްވެސް އެއާކުރާފްޓަކަށް މައްސަލައެއް ދިމާވެފައި ވާނަމަ، އެކަމެއް އަވަހަށް ހައްލުކޮށް ގަވާއިދުތަކުގެ ތެރެއިން އެހެން އެއާކުރާފްޓެއް ބޭނުންކޮށްގެން ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާ ގޮތަށް ކުރިއަށް ގެންދިއުމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އޭއޭއޭއަށް ވަނީ އަންގައިފަ އެވެ.
އެކަޑަމީން ދަރިވަރުންގެ އަތުން ފީ ނަގަމުންދަނީ ބޭރު ފައިސާއިން ކަމުގައިވާތީ، އެއީ މަނިޓަރީ ގަވާއިދާއި ހިލާފުކަމަކަށްވާތީ އެކަން ނުކުރުމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު