ނެޝަނަލް ޑުރަގް އޭޖެންސީ (އެންޑީއޭ)ގެ ގަގާން ކުލިނިކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ހިދުމަތްތައް ރަސްމީކޮށް ފަށައިފި އެވެ.
އެކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތްތައް ރަސްމީކޮށް ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޒުވާނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދީ އެމީހުންނަކީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުމީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އެގޮތުން މުޖުތަމައަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކޮށް، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މަސްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ތަފާތު އެކި ފަރުވާތައް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކުރުމަށް އެކި ފަރުވާތައް ތައާރަފު ކުރި ނަމަވެސް އެ މަސައްކަތްތަކުގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ.
އެގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކޮންމެ މީހަކު ވެސް އެ ވަބާއިން ސަލާމަތްވެ އެނބުރި މުޖުތަމައަށް ރުޖޫއަވުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލައްވައި ނައިބު ރައީސް ވަނީ، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި އެކަމުގައި މުޖުތަމައުގެ އެހީތެރިކަން ވެސް ދިނުމަށް އެދިވަޑައިގެންފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު