އިސްލާމިކް ޝަރީއާ ފިޔަވައި އެހެން ގާނޫނުތައް ކިޔެވުމުން ފަނޑިޔާރުކަމާއި ވަކީލުކަން ކުރެވޭއިރު، އިސްލާމީ ޝަރީއާ ކިޔަވާ މީހުންނަށް އެ ފުރުސަތު ނުދިނުމަކީ ހަމަޔާއި އިންސާފުން ބޭރުކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.
ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދެވޭނީ ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝަރީއަތުގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާ މީހުންނަށް އެކަންޏެވެ.
އެކަމާ ގުޅިގެން އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމިކް ޝަރީއާ ފިޔަވައި އެހެން ގާނޫނުތައް ކިޔެވުމުން ފަނޑިޔާރުކަމާއި ވަކީލުކަން ކުރެވޭއިރު، އިސްލާމީ ޝަރީއާ ކިޔެވުމުން އެފުރުސަތު ނުދިނުމަކީ ރާއްޖެ ކަހަލަ ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއްގައި، ލަދުވެތިކަމެއް ކަމަށެވެ.
އަލީ ޒާހިރުގެ އިތުރުން އެކަމާ ގުޅިގެން ގިނަ އިލްމުވެރިންތަކެއް ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ގިނަ އިލްމުވެރިންތަކެއް ހިމެނޭ ސަލަފް ޖަމިއްޔާއިން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.
އެބަޔާނުގައި އިސްލާމީ ޝަރީއާ ކިޔަވާފައި ތިބޭ ފަރާތްތަކަށް ގާނޫނީ ވަކީލުކަމާއި ކޯޓުތަކުގެ ފަނޑިޔާރުކަން ނުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހުރިހާ ގަވާއިދަކާއި ގާނޫނެއް މުރާޖައާކޮށް މިހާރުން މިހާރަށް އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޖުޑީޝަރީގެ އެންމެހާ ވެރިންނަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލައިފަ އެވެ.
އޭގެ އިތުރުން އެ އަމަލަކީ ރާއްޖޭގެ ޝަރުއީ ނިޒާމުން ދީނީ ހުރިހާ އިލްމުވެރިން ދުރުކޮށް، ފޭކުރުމަށް މާކުރިން ރޭވިގެން ހިންގާ ލާދިނީ އެޖެންޑާގެ ކުޑަ މިންވަރެއް ކަމަށް ވެސް ސަލަފުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު