ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެއާޕޯޓު އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، 2021 ވަނަ އަހަރަށް ވީއައިއޭއަށް ތިން އިންޝުއަރެންސެއް ބޭނުންވާ ކަމަށެވެ. އެއީ "އޯލް ރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން" އިންޝުއަރެންސް އާއި "އެއާޕޯޓު އެވިއޭޝަން ލަޔަބިލިޓީ" އިންޝުއަރެންސް އަދި "ޓެރަރިޒަމް" އިންޝުއަރެންސް ކަމަށެވެ.

އިއުލާނުގައި ބުނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:15 ގެ ކުރިން ސިޓީ، ފެކްސް ނުވަތަ މެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެވޭނެ ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރެއް ފޮނުވަން ޖެހޭއިރު، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހު ނުވަ ވަނަ ދުވަހުގެ ހެންދުނު 10:15 އެވެ. ބީލަންތައް ހުޅުވަން ނިންމާފައިވަނީ ވެސް ސުންގަޑި ހަމަވާ ދުވަހު އެވެ.

އިއުލާނުގައި ބުނީ، ބިޑު އެވޯޑު ކުރެވޭނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައަޅާފައިވާ އުސޫލުތަކުުގެ މަތިން އެ ކުންފުންޏަށް އެންމެ ފައިދާ ހުރި ބީލަމެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.