ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ މެޗުތަކަށް ނުކުންނަން ތައްޔާރަށް ކަމަށާއި ވަކިން ރޫމެއްގައި ހުރެގެން ވެސް ޓީމާ ބަރާބަރަށް ވާހަކަ ދައްކައި ހިތްވަރު ދޭ ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.
އުމުރުން 35 އަހަރުގެ ރޮނާލްޑޯ ޕޮޒިޓިވްވިކަން ޕޯޗުގަލް އިން އިއުލާންކުރީ ރޭގެ ވަގުތެއްގަ އެވެ. ސްވިޑެންއާ ދެކޮޅަށް މިރޭ ޕޯޗުގަލް އިން ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސަންޓޯސް ބުނެފައިވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާ ނުލާ ކުޅެން ކޮންމެ ޓީމަކަށް ވެސް އުނދަގޫވާނެ ކަމަށެވެ.
"ޓީމެއް ގޮތުގައި ނުކުމެ ނަތީޖާ ނެރެން ވިސްނާނީ. އެކަމަކު ކޮންމެ ޓީމަކަށް ވެސް އުނދަގޫވާނެ ދުނިޔޭގެ އެންމެ ކުޅުންތެރިޔާއާ ނުލާ ކުޅެން. ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަށް ވެސް އިތުބާރު އެބައޮތް. ޔަގީން ނަތީޖާ ނެރެވޭނެ ކަމަށް ވެސް މުޅި ޓީމަށް. ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވް ވެފައި ހުއްޓަސް އަލާމާތެއް ނެތް. ހީވެސް ނުވޭ އަސަރެއް ހުރި ހެނެއް. ކުޅެންވެސް ތައްޔާރަށް ހުރީ. އަހަރެމެން ރޫމުގެ މަތީގައި ހުރި ރޫމެއްގައި ރޮނާލްޑޯ ހުރީ ކަރަންޓީނުގައި. މަތީގައި ހުރެ ވާހަކަވެސް ދައްކާ،" އުމުރުން 66 އަހަރުގެ ސަންޓޯސް ބުނެފައިވެ އެވެ.
ރޮނާލްޑޯ އަށް ކޮވިޑް ޖެހިފައިވަނީ ގައުމީ ޓީމާއެކުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމުގައިވީ ނަމަވެސް، ޕޯޗުގަލް ސްކޮޑުގެ އެހެން ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ.
ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ރޮނާލްޑޯއަށް ޔުވެންޓަސްގެ ބައެއް މެޗުތައް ވެސް ގެއްލޭނެ އެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ވެސް އޭނާއަށް ނުކުޅެވޭނެ އެވެ.
މިރޭގެ މެޗުގެ އިތުރުން ގައުމީ ޓީމަށް ކުޅޭ މެޗުތައް މިހާރު ރޮނާލްޑޯއަށް ވަކިން ހާއްސަ އެވެ. މިހާތަނަށް ގައުމީ ޓީމަށް 101 ގޯލް ޖަހައިދީފައިވާ ރޮނާލްޑޯގެ އުންމީދަކީ އިރާނަށް ކުޅުނު އަލީ ދާއީގެ ރެކޯޑު މުގުރާލުމެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އަލީ ދާއީ އަތުގައި އޮތީ 109 ގޯލް ޖަހައިގެންނެވެ.
ޔުވެންޓަސްއާއެކު މިދިޔަ އަހަރުގެ އިޓަލީ ލީގުގައި ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރަށް ހޯދައިފަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު