ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައި ތަހުގީގު ކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުން އިހުމާލުވެފައިވާ ކަމަށް ބުނެ، އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން ބަލައިގަނެ އެ ވަކީލުންގެ ބަޔާން ނަގައިފި އެވެ.
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައިގެ އަނިޔާ ލިބުނު ފަރާތް ކަމަށްވާ ޕޯލިން ޑުޓާ ގެޝޮރޯ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އޭނާގެ ހައްގުތައް ތަމްސީލުކުރުމަށްޓަކައި އައްޔަންކޮށްފައިވަނީ ރިޒާ އެންޑް ކޯ އެވެ. އެ ފާމްގެ ފަރާތުން ގާނޫނީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވަނީ ޝާފިއާ ރިޒާ އާއި ނޫރުބާން ފަހުމީ އެވެ.
ނޫރުބާން ފަހުމީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަފާރީ ކޭސްއާ ގުޅިގެން އެންއައިސީއަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލައިގަނެ، މިއަދު އެމީހުންގެ ބަޔާން ނަގާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހަށް ހުށަހަޅާފައިވާ ކޮމްޕްލެއިންގެ މަސައްކަތް ކުރިއަށްދާ ގޮތާގުޅޭ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު، މައުލޫމާތު ދެއްވާނެ ވަގުތަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ނޫރުބާންގެ ޓުވީޓް ރީޓުވީޓް ކުރައްވައި ޝާފިއާ ރިޒާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގުކުރުމުގައި އިހުމާލުވެފައިވާ ކަންކަން އެންއައިސީއާ ހިއްސާ ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި އެ ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަަމަށް އުންމީދުކުރައްވާ ކަމަށެވެ.
އުމުރުން 27 އަހަރުގެ އެ ކެންޔާ އަންހެން މީހާ ފުލުހުންނަށް ދީފައިވާ ބަޔާން ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކޮށް އެކަމާގުޅޭ ވީޑިއޯއެއް ވެސް ވަނީ އޭނާގެ ވަކީލުންގެ ޓީމުން މިދިޔަ އާދިއްތަ ދުވަހު އާންމުކޮށްފަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ވިކްޓިމްގެ ބަޔާން ބަދަލު ކުރަނީ ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއަކީ ވިކްޓިމްއާ ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަވިއު ރެކޯޑިންއަކަށް ފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓު ކުރުމުގެ މަރުހަލާގައި ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯ ކްލިޕެއް ކަމަށެވެ.
"މިއީ ވިކްޓިމްގެ ބަޔާނަށް އުނި އިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ވިކްޓިމްގެ ވަކީލުން މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތާއި ހިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. އަދި މި ވާހަކަތަކަކީ ވިކްޓިމް ނުވަތަ ވިކްޓިމްގެ ގާނޫނީ ވަކީލުންނާއި ސީދާ ކުރެވިފައިވާ މުއާމަލާތެއް ނޫންކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ ތަހުގީގަށް ކުރެވޭ އިންޓަވިއު ބަޔާނެއް ގޮތަށް ލިޔާއިރު، އެ ވާހަކަތައް އިތުރަށް ސާފުކޮށް ކަށަވަރު ކުރުމަށް ތަހުގީގުގެ ބައިވެރިންގެ މެދުގައި މަޝްވަރާކޮށް، ބަޔާންދޭ ފަރާތުންގެ ޖަވާބުތަކުގެ މައްޗަށް ތަހުގީގު ކުރާ ފަރާތްތަކުން ބަޔާން ޑްރާފްޓު ކުރުމަކީ އާންމު އުސޫލުން ކުރާ ކަމެއް ކަމަށެވެ. އަދި މިއީ އެއްވެސް ހާލަތެއްގައި ވިކްޓިމްގެ ބަޔާން ބަދަލު ކުރުން ނޫން ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު