ޑީއާރުޕީގެ ކުރީގެ ލީޑާޝިޕުން ޕާޓީގެ ދަރަނިތައް ނުދައްކައި ޕާޓީގެ މެންބަރުންގެ ބޮލުގައި އެ ދަރަނިތައް އަޅުވާފައިވާ ކަމަށް ތުހުމަތުކޮށް އެ ޕާޓީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމަށް ދައުވާ ކުރަން އެ ޕާޓީގެ ކައުންސިލުން ނިންމައިފި އެވެ.

ޑީއާރުޕީން މިއަދު ކުރި ޓުވީޓެއްްގައި ބުނީ ޑީއާރުޕީގެ ކުރީގެ ޒައީމް މައުމޫންގެ ލީޑާޝިޕްގައި އެޕާޓީ ވަނީ ބޮޑުތަނުން ދަރަނިވެރިކޮށްފައި ކަމަށެވެ. އެގޮތުން އެ ޕާޓީގެ ކުރީގެ ލީޑާޝިޕް ޕާޓީ ދޫކޮށް ގޮސްފައިވަނީ އޭރުގެ ދަރަނިތައް ނުދައްކައި ޕާޓީގެ މެންބަރުންގެ ބޮލުގައި އެ ދަރަނިތައް އަޅުވާފައި ކަމަށާއި މިހާރުވެސް އޭރުގެ ދަރަނިތަކުގެ ބިލުތައް ލިބެމުން އަންނަ ކަމަށް ބުންޏެވެ.

އެގޮތުން ޕާޓީގެ ދަރަނީގެ މައްސަލައިގައި ރައީސް މައުމޫންގެ މައްޗަށް ދައުވާކުރަން ނިންމައި އެ މައްސަލައި ވަކި ގޮތެއް ނިމެންދެން ދަރަނިތައް ދެއްކުން މަޑުޖައްްސާލުމަށް ވެސް ކައުންސިލު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޑީއާރުޕީން ބުންޏެވެ. އަދި ރައީސް މައުމޫން އެމްއާރުއެމްގެ ނަމުގައި އުފެއްދި ފާޓީ މި ސަރުކާރުގެ ކޯލިޝަނުގައި ބައިވެރިކޮށްފައިވާތީ އެކަން ޑީއާރުޕީން ކުށްވެރިކުރި އެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އުފެއްދި ދެވަނަ ސިޔާސީ ޕާޓީއަކީ ޑީއާރްޕީ އެވެ. ރައީސް މައުމޫނަށް ފަހު އެޕާޓީ ހިންގެވީ ކުރީގެ ހޯމް މިނިސްޓަރު ތަސްމީން އަލީ އެވެ. އޭގެ ފަހުން ކުރީގެ މަޖިލީސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ވެސް އެ ޕާޓީ ހިންގެވި އެވެ. މިހާރު ޑީއާރުޕީގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.