ޚަބަރު

ރާއްޖޭގެ ދިރިއުޅޭ މީހުންގެ އާބާދީ ބައި މިލިއަނަށް، 35 ޕަސެންޓަކީ ބިދޭސީން

އަލީ ޔާމިން

ރާއްޖޭގައި 194،088 ބިދޭސީން ދިރިއުޅޭ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އާބާދީ އަންދާޒާ އިން ދައްކައިފި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 557،426 މީހުންނެވެ. އެއީ 201،277 އަންހެނުންނާއި 356،149 ފިރިހެނުންނެވެ. އަދި އާބާދީގެ 40.8 ޕަސެންޓް މީހުން ދިރިއުޅެނީ ވެރިރަށް މާލޭގަ އެވެ. އެއީ 227،485 މީހުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ އަކީ 363،338 އެވެ. އެއީ 184،869 އަންހެނުންނާއި 178،469 ފިރިހެނުންނެވެ. އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ 65.18 ޕަސެންޓަކީ ދިވެހިންނެވެ. ބާކީ 34.81 ޕަސެންޓް މީހުންނަކީ ބިދޭސީންނެވެ.

ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅޭ އަތޮޅަކީ ކ. އަތޮޅެވެ. އެގޮތުން މާލޭ ސަހަރައްދު ނުހިމަނާ ކ. އަތޮޅުގައި އެކަނި ވެސް 41،382 މީހުން ދިރިއުޅެ އެވެ.

އާބާދީގައި 10،000 މީހުން ހަމަނުވާ ހަތަރު އަތޮޅެއް އޮތްއިރު، އެންމެ އާބާދީ މަދު އަތޮޅަކީ ވ. އަތޮޅެވެ. އެ އަތޮޅުގެ އާބާދީ އެންމެ 2،688 އެވެ. ދިހަ ހާސް މީހުން ހަމަނުވާ އަތޮޅުތަކުގެ ތެރޭގައި ދެން ހިމެނެނީ ފ. އަތޮޅާއި މ. އަތޮޅާއި ޏ. އަތޮޅެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 10،001 އާއި 20،000 ދެމެދުގެ އާބާދީއެއް އޮތީ 10 އަތޮޅެއްގަ އެވެ. އެއީ ހއ، ށ، ނ، ޅ، އއ، ދ، ތ، ލ، ގއ އަދި ގދ އަތޮޅެވެ. އަދި 20،0001 އާއި 30،000 އާދެމެދުގެ އާބާދީއެއް އޮތީ ފަސް އަތޮޅެއްގަ އެވެ. އެއީ ހދ، ރ، ބ، އދ އަދި އައްޑު އަތޮޅެވެ.