ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާނަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތު ކުރާ މައްސަލަ ވީހާވެސް އަވަހަށް ބަލައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.
މި މައްސަލައިގައި އެމްއެމްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަޒާނަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތުކޮށް އެކަން ކައުންސިލްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އިތުރުން އެހެނިހެން ގޮތްގޮތުން އަޒާނަށް މަރުގެ އިންޒާރާއި އެކި ކަހަލަ ފުރައްސާރަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އަޒާން މައުލޫމާތު ދިން ކަމަށް އެ ކައުންސިލުން ބުނެ އެވެ.
"މިބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަމުގެ ގޮތުގައި މިކައުންސިލުން ނުދެކެމެވެ. ސަބަބަކީ މީގެ ކުރިން ވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރައާ ކުރިމަތިލުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވެސް ވާތީއެވެ،" އެމްއެމްސީގެ ނޫސްބަޔާނުގައިވެ އެވެ.
އެހެންކަމުން އެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި، އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އެމްއެމްސީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
އަޒާންގެ އިތުރުން ދިޔަރެސް ނޫހުގެ އިތުރު ނޫސްވެރިއަކަށް މަގުމަތިން ފުރައްސާރަކޮށް ބިރު ދެއްކި މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ގޮވާލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު