ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދި އެލައިޑުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
އެގޮތަށް އަމުރު ނެރެދިނުމަށް އެދި އެލައިޑުން ހައިކޯޓަށް ހުށަހެޅީ، ޔޮޓް ޓުއާޒް އަށް 22.7 މިލިޔަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެލައިޑުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްގެން މިއަދު ބޭއްވި އިސްތިއުނާފުުގެ އަޑުއެހުމުގައެވެ.
މިއަދުގެ އަޑުއެހުމުގައި އެލައިޑުގެ ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ، ދަށު ކޯޓުން ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މައްސަލަތައް ތަންފީޒު ކުރުުގައި އާއްމު ގޮތެއްގައި އަމަލު ކުރާ ގޮތަކީ، ތަންފީޒު ކުރުމުގެ މައްސަލައެއް ހިނގަން ފަށާއިރު ދަރަނި ހިމެނޭ ކުންފުންޏެއްގެ ދަރަނި ނުދައްކައި އޮވެއްޖެ ޖެނަމަ އެ ތަނުގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރެއް ނެރުން ކަމަށެވެ.
ނަމަވެސް އެލައިޑްގެ މައްޗަށް އެފަދަ އަމުރެއް ނެރިއްޖެނަމަ ވަރަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އެކަމުގެ ގެއްލުން ކަސްޓަމަރުންނާއި މުވައްޒަފުންނަށް ކުރުމުގެ އިތުރުން، އެ ކުންފުނީގެ ވިޔަފާރިތައް ހުއްޓި އެކަމުގެ ސަބަބުން މުޅި ކުންފުނި ހުއްޓޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި މައްސަލައަކީ އެލައިޑަށް ކާމިޔާބު ކުރުުގެ ފުރުސަތު އޮތް މައްސަލައެއް ކަމަށްވާއިރު، ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް މިންވަރަކަށް އެފަރާތަށް ފައިސާ ދައްކަން އަންގައިފި ނަމަ އެ ފައިސާ އަނބުރާ ލިބުމުގެ އިހުތިމާލު ވަރަށް ކުޑަ ކަމަށްވެސް ވިދާޅުވިއެވެ.
"ސިލްކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ފިޔަވަޅު އަޅައިފިނަމަ ކަސްޓަމަރުންގެ އިތުބާރު ގެއްލި ވިޔަފާރިތައް ގެއްލި ކުންފުނި ހުއްޓުމަކަށް އަންނާނެ،" މުއިއްޒު ވިދާޅުވިއެވެ.
އޮޓްޓުއާސްގެ ގާނޫނީ ވަކީލު މުހައްމަދު ޝިފާޒު ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށް ދަށު މަރުހަލާގެ އެއްވެސް ކޯޓަކުން މަސައްކަތެއް ނުކުރާ ކަމަށެވެ. އެހެންކަމުން މިފަދަ އަމުރަކަށް އެދުމުގެ ޒަރޫރަތެއް އޮތްކަމަށް ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުން އެލައިޑަށް ގެއްލިގެންދާނެ ހައްގެއް ނެތް ކަމަށާއި އެހެންކަމުން މިއީ އެފަދަ އަމުރެއް ނެރުމުގެ ޒަރޫރަތް އޮތް ވަގުތެއް ނޫން ކަމަށް ކަނޑައަޅައިދެއްވުމަށް ވެސް ޝިފާޒު އެދިވަޑައިގެންނެވިއެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ހައިކޯޓުގެ ބެންޗުން ވިދާޅުވީ، އެ އަމުރާ ގުޅިގެން ކޯޓުން ނިންމާ ގޮތް އެ ދެފަރާތަށް އަންގަވާނެ ކަމަށެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު