ސްޕެއިންގެ ބާސެލޯނާއިން، އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒްގެ ބަދަލުގައި މި ސީޒަނަށް ފޯވަޑެއް ނުގެންދިޔުމަކީ ހެދި ބޮޑު ގޯހެއް ކަމަށް ކްލަބު ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.

ބާސާއާއެކު 157 މެޗު ކުޅެ، 86 ގޯލް ޖަހައިދީފައިވާ ރިވާލްޑޯއަކީ ދުނިޔެ ދުށް އެންމެ މޮޅު އެއް އެޓޭކިން މިޑްފީލްޑަރެވެ. އޭނާ ވަނީ 2002 ވަނަ އަހަރު ބްރެޒިލާއެކު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށް، ކާމިޔާބު ފުޓުބޯޅަ ކެރިއަރެއް ނިންމާލައިފައެވެ. ރިވާލްޑޯ ވަނީ ބާސާއާއެކު ދެފަހަރަށް ލީގު ނަގައި، ސުޕެނިޝް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭގެ ފަހުން އޭސީ މިލާނަށް ބަދަލުވެ، ރިވާލްޑޯ ވަނީ ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ރިވާލްޑޯ ބުނެފައި ވަނީ ސުއަރޭޒް ފޮނުވާލުމަށްފަހު އެތަން ފޫބައްދާނެ ފޯވަޑެއް ނުގެންދިޔުމަކީ ބާސާއިން ހެދި ގޯހެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެ ކަމަށްވެސް ރިވާލްޑޯ ފާހަގަކުރިއެވެ.

"އަހަންނަށް އެނގޭ ލީގު މެޗުތަކުގައި ބާސާއިން ނެރޭނެ ޓީމަކީ އެހެން ހުރިހާ ޓީމުތަކަށްވުރެ ވަރުގަދަ ޓީމަކަށް ވާނެކަން. އެހެންވިޔަސް، ބާސާއިން ޗެމްޕިއަންސް ލީގުގައި ކުޅޭއިރުގެ އިތުރުން ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކަހަލަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ސުއަރޭޒް ނެތްތަން ދައްކާނެ. އެކަމަކު މިހާރު ވަގުތު ފާއިތުވެއްޖެ، ޓްރާންސްފާ ބާޒާރު ބަންދުވެއްޖެ،" ރިވާލްޑޯ ބުނެފައިވެއެވެ.

ބާސާގެ ތާރީހުގައި ތިންވަނައަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ސުއަރޭޒް، ހަ އަހަރަށްފަހު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ ކްލަބާ އަލަށް ގުޅުނު ކޯޗު ރޮނާލްޑް ކޯމަން ބޭނުން ނުވެގެންނެވެ. ސުއަރޭޒް ފުރަތަމަ އިޓަލީ ލީގުގެ ޔުވެންޓަސްއަށް ބަދަލުވާން އުޅުނު ނަމަވެސް ޕާސްޕޯޓް މައްސަލައިގައި އެކަން ކާމިޔާބެއް ނުވިއެވެ. އޭގެ ފަހުން ސުއަރޭޒް އެތުލެޓިކޯއަށް ދާން އުޅުމުން އެއީ ބާސާގެ ވާދަވެރި ކްލަބަކަށް ވާތީ، ބާސާ ރައީސް ޖޯސެފް ބާޓެމިއޫ ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.

ބާސާއިން ސުއަރޭޒް ފޮނުވާލުމަށްފަހު ކްލަބުގެ އެޓޭކަށް ގެންނަން މަސައްކަތްކުރީ ލިޔޯންއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ފޯވަޑް މެމްފިސް ޑިޕޭއެވެ. ޑިޕޭގެ ޓްރާންސްފާއަށް އެއްބަސްވުމަކަށް އައި ނަމަވެސް، ބައެއް ކަންކަން ފުރިހަމަ ނުވެ، ޑެޑްލައިން ޑޭގައި އެ ޓްރާންސްފާ ވަނީ ނާކާމިޔާބުވެފައެވެ.

ޑިޕޭގެ ޓްރާންސްފާ ނާކާމިޔާބު ވެ، ބާސާގައި ސުއަރޭޒް ބޭނުންކުރި 9 ނަންބަރު ޖާޒީ ރަސްމީކޮށް ދީފައި ވަނީ މާޓިން ބްރައިތުވެއިޓަށެވެ. ރިވާލްޑޯ ދެކޭ ގޮތުގައި ބާސާއިން ސުއަރޭޒްގެ ބަދަލުގައި ކުޅުންތެރިޔަކު ގެންދަން އިތުރަށް މަސައްކަތް ކުރަން ޖެހެއެވެ. އެއީ ޕްލޭންގައި ނެތިގެން ފޮނުވާލި ކުޅުންތެރިއަކަށްވުރެ ރަނގަޅު، ހުނަރުވެރި ކުޅުންތެރިޔަކު ނުގެނައުމަކީ މައްސަލައަކަށްވާތީ ކަމަށް ރިވާލްޑޯ ފާހަގަކޮށްފައި ވެއެވެ.