ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި މާދަމާ ފަށަން ތާވަލް ކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުން ހައިކޯޓުގައި ތާވަލް ކޮށްފައި ވަނީ، މާދަމާގެ 11:00 އަށެވެ.

ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ، މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.

ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ ޔޮޓް ޓުއާސްގެ ހއ. އަލިދޫ ރިސޯޓް އެލައިޑްގައި އިންޝުއާކޮށް އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި އެލައިޑަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ވަނިކޮށް 2014 ވަނަ އަހަރު މޫސުން ގޯސް ވެ، އެ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަށް 22،784،837.59 ޑޮލަރު ހޯދަން ހުށަހެޅުމުން އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެލައިޑުން ނިންމުމުން ޔޮޓް ޓުއާސް އިން ދައުވާކުރުމުންނެވެ.