ދ. ބަނޑިދޫ ދޯންޏެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ދޯނީގެ 17 ފަޅުވެރިންނާއެކު ކަރަންޓީނު ކޮށްފި އެވެ.
ބަނޑިދޫ ކައުންސިލްގެ ރައީސް ހަސަން ހަނީފު "ވަން" އަށް މިއަދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މާލެ އާއި ބަނޑިދޫއާ ދެމެދު ދަތުރުކުރާ އެރަށު "އާރޯހި" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެއް ކަމަށެވެ.
އޭނާ ކޮވިޑަށް ޓެސްޓު ކުރީ ހުޅުމާލެއިން ރެންޑަމް ސާމްޕަލްގެ ތެރެއިން ކަމަށާއި އަދި ޕޮޒިޓިވްކަން އެނގުނީ މާލެ އިން ފުރައިގެން ރަށަށް ދަނިކޮށް ކަމަށް ހަނީފު ވިދާޅުވި އެވެ. ޕޮޒިޓިވްކަން އެނގުމުން ފަޅުވެރިޔާ ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންގޮސްފަ އެވެ.
ހަނީފު ވިދާޅުވީ އެ ދޯނީގައި ޕޮޒިޓިވްވި ފަޅުވެރިޔާއާއެކު 18 މީހުން ތިބި ކަމަށާއި ޕޮޒިޓިވް ކޭސްއެއް ފެނުމުން ފުރަތަމަ އެންގީ ހުޅުމާލޭގައި ދޯނި ކަރަންޓީނު ވުމަށް ކަމަށެވެ. ނަމަވެސް ބަނޑިދޫއަށް ގޮސް ކަރަންޓީނު ވެވޭނެ ގޮތެއް ހަދައިދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައި އެދުމުން އެގޮތަށް ހަމަޖައްސައިދިނީ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ފަޅުވެރިންނާއެކު މިހާރު އެ ދޯނި އޮތީ ބަނޑިދޫ ބަނދަރުގެ ވަކި ސަރަހައްދެއްގައި ކަރަންޓީނު ކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ޓޭޕް ދަމައި އާންމުން ވަނުން ވަނީ މަނާކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު