ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޖަޖެއްގެ ބައި ތިޔަ ކުޅުއްވަނީ ކީއްވެގެންތޯ ވިދާޅުވެ، ކާށީދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލިސް ރައީސްއާ ސުވާލު ކުރައްވައިފިއެވެ.

މަޖިލިސް ރައީސް ނަޝީދާ ޖާބިރު މި ސުވާލު ކުރިމަތިކުރެއްވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނެތް ކަމަށް މަޖިލިސް ރައީސް ވިދާޅުވުމާ ގުޅިގެންނެވެ.

އެފަދަ އެގްރީމެންޓެއް ނެތް ކަމަށް މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުން ހަދާފައިވާ އެ އެގްރީމެންޓުގެ ދަށުން ލިބެންޖެހޭ ފައިދާތައް ރައްޔިތުންނަށް ލިބެމުން ނުދާ މައްސަލައިގައި ޖާބިރު ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރާ ކުރެއްވި ސުވާލަށް މިނިިސްޓަރު ދެއްވި ޖަވާބާ ގުޅިގެންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެ އެގްރިމެންޓަށް އަމަލުކުރަން ފަށަންޖެހޭ ގޮތް އޭގެ 165 އާޓިކަލްގައި ބުނެފައިވާ ކަމަށެވެ. އެގޮތުން އެއަށް އަމަލުކުރުމަށްޓަކައި އިތުރު ގާނޫނުތަކާއި ގަވާއިދުތަކެއް ހަދަންޖެހޭ ކަމަށް ބުނެފައިވާ އިރު، އެފަދަ އެއްވެސް ކަމެއް ރައީސް ޔާމީން ކުރައްވާފައިނުވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް އެގޮތަށް ޖަވާބުދެއްވުމުން ޖާބިރު ވިދާޅުވީ، އޭނާ ގަބޫލުކުރައްވަނީ ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސްގެ ގޮތުގައި ކަމަށެވެ.

އެހެން ވިދާޅުވެ އެފަދަ އެގްރީމެންޓުތައް ބާތިލުކުރައްވައި، ޖަޖެއްގެ ބައި ކުޅުއްވަނީ ކީއްވެގެންތޯ، ޖާބިރު ރައީސް ނަޝީދާ ސުވާލުކުރެއްވިއެވެ. އަދި ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓް އުވިއްޖެ ކަަމަށް ވިދާޅުވުމަކީ ސުޕްރީމް އަމުރެއްތޯވެސް ސުވާލުކުރެއްވިއެވެ.

ޖާބިރު ވިދާޅުވީ އެގްރީމެންޓްގެ މައްސަލައެއްނަމަ ދާންޖެހޭނީ ކޯޓަށް ކަމަށެވެ.