ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރަށް މިއަދު އިއްވި ޖަލު ހުކުމަކީ، 1 މެއި 2015 (މޭޑޭ) ގައި ދެއްކި ވާހަކަތައް ހަގީގަތަކަށްވާ ކަމުގެ ހެއްކެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތުގެ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާ ސާބިތުވާކަމަށް ނިންމައި އޭނާ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއެކު 20 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްދައެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ އެ ހަތް ދައުވާއަށް އިއުތިރާފުވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި އަދަބު ލުއިކޮށްދިނުމުގެ އެއްބަސްވުމެއްވެސް ދައުލަތާއި އަދީބާ މެދު ވަނީ ހަދައިފައެވެ.
އަދީބަށް ކުރި ހުކުމާ ގުޅިގެން މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރު ވެރިކަމުގައި ތިބި ފަރާތްތައް މޭޑޭގައި މަގުމައްޗަށް ނުކުމެ ދެއްކީ، އެއިރު ވެރިކަމުގައި އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިން ރައްޔިތުންގެ ފައިސާ ނުހައްގުން ބޭނުންކުރަމުން ދިޔަ ވާހަކަ ކަމަށެވެ. އަދި މިއަދު އެކަމުގައި ޝާމިލުވި ފަރާތްތަކުގެ އިއުތިރާފާއެކު ޝަރީއަތަށް އެކަންކަން އެދަނީ ސާބިތުވަމުން ކަމަށް ވިދާޅުވިއެވެ.
"މޭޑޭ 2015ގައި އެތައް ބައިވަރު ރައްޔިތުންނަކާއެކު މަގުމައްޗަށް ނުކުމެ އަޅުގަނޑުމެން ދެއްކީ ރައްޔިތުންގެ މުއްސަނދިކަން އެއިރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުންކުރަމުން ދިޔަ ވާހަކަ. މިއަދު އެކަމުގައި ޝާމިލުވި ފަރާތްތަކުގެ އިއުތިރާފާއެކު ޝަރީއަތަށް އެކަންކަން އެދަނީ ސާބިތުވަމުން. އެ ދުވަހުގެ ހާލަތާ މިއަދުގެ ހާލަތު ވަޒަންކޮށްލީމާ ހިތަށް އަރަނީ ﷲ ގެ ކުޅަދުންވަންތަކަން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައިދޭނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް އަނިޔާވެރިވާނެ ސަރުކާރެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުންނެވީ މިހާރު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އަދި ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިފައިވާ ކަމަށް އަދީބު ތުހުމަތުކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު