ކޮވިޑްގެ މިހާލަތުގައި، ބޭރުގެ އެކި ތަންތަނުން ދައުލަަތަށް ނަގަމުންގެންދާ ލޯނުތަކާއި، އެކަމުގެ ސަބަބުން ދައުލަތް ދަރަނިވެރިވަމުންދާ މިންވަރާއި ދަރަނި ދެއްކުމާބެހޭގޮތުން މައުލޫމާތު ސާފު ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.
ބޭރުގެ އެކި ފަރާތްތަކުން ދައުލަތަށް ނަގަމުންގެންދާ ލޯނުތަކާބެހޭ މައުލޫމާތު އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒު ހުށަހެޅުއްވުމުން މިނިސްޓަރު އަމީރު ކޮމިޓީއަށް ހާޒިރުކޮށް އެކަންތައްތަކާ ބެހޭގޮތުން ސުވާލު ކުރަން ހުށަހެޅުއްވީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެވެ.
ޔައުގޫބު ވިދާޅުވީ، ސަރުކާރުން ނަގާ ލޯނުތަކާއި ދަރަންޏާއި ދަރަނި ދެއްކުމާބެހޭ ވާހަކަތައް ދެކެވެމުންދާއިރު އެކަންކަން ސާފުވާން ޖެހޭ ކަމަށެވެ. އެހެންކަމުން ވީހާވެސް ބޮޑަށް އެކަން ސާފު ކުރުމަށް ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅުއްވާކަމަށް ޔައުގޫބު ވިދާޅުވިއެވެ.
ޔައުގޫބުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.
ޝަރީފް ވިދާޅުވީ، ވަރަށް ގިނަ ތަފާތު ވާހަކަަތައް ދެކެވެމުންދާތީ މިދުވަސްވަރަކީ ވަރަށް ފުންކޮށް ވިސްނައި ގޮތްތަކެއް ނިންމަން ޖެހޭ ދުވަސްވަރެއް ކަމަށެވެ. ދައުލަތުގެ ދަރަންޏާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންތައްތައް އާއްމު ހާލަތަށް ގެނައުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން ދަރަންޏަށް ނަގަން މިދަނޑިވަޅުގައި މަޖުބޫރުވާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތުންގެ އާއްމު ސިއްހަތާއި އެމީހުންގެ ދިރިއުޅުމަށް ކުރެވޭ މަސައްކަތްތަކާއި އިގުތިސާދު ހިމާޔަތް ކުރުމަށްވުރެ މުހިއްމު ކަމެއް އަދި މަސްއޫލިއްޔަތެއް އެ ކޮމިޓީ އާއި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މައްޗަކަށް މިވަގުތަކު ނެތް ކަމަށް ޝަރީފު ވިދާޅުވިއެވެ.
އެހެން ކަމުން މިނިސްޓަރު ކޮމިޓީއަށް ގެންނަވައި ޕަބްލިކް ފައިނޭންސް މެނޭޖް ކުރަން ކުރިއަށް އަޅަން ހުރި ފިޔަވަޅުތައް އޮޅުން ފިލުވަން ޖެހޭ ކަމަށްވެެސް އޭނާ ވިދާޅުވިއެވެ.
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ