ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް މެންބަރުން މިހާރު ތިއްބަވާ ތަރުތީބު ބަދަލުކޮށް، ގޮނޑިތަކުގެ ތަރުތީބަށް ބަދަލު ގެނައުމަށް ދެގޮތެއް ހުށަހަޅައިފި އެވެ.

ގޮނޑިތަކުގެ ތަރުތީބު ބަދަލުކުރުމާ ގުޅޭގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ހުށަހެޅި ދެ ހުށަހެޅުމުގެ ތެރެއިން ފުނަދޫ ދާއިރާގެ މެންބަރު މުހަައްމަދު ޝާހިދު ހުށަހެޅުއްވީ ހަށަނަރަބަޅައިގެ އަކުރުތަކުގެ ތަރުތީބުން ރާއްޖޭގެ އަތޮޅުތައް ހިމެނޭ ގޮތަށް ހއ. އިން ފެށިގެން ސ. އަތޮޅަށް ނިމޭގޮތަށް ގޮޑިތައް އެތުރުމަށެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވީ ސިޔާސީ ޕާޓީތައް ވަކިން، އެ ޕާޓީތަކުގެ މެންބަރުންނާއެކު ތިބެވޭނެ ގޮތަށް ގޮނޑިތައް އެތުރުމަށެވެ. އެގޮތަށް ގޮނޑިތައް ތަރުތީބު ކުރާއިރު ކޮންމެ ޕާޓީއެއްގެ ވެސް ޕީޖީ ލީޑަރާއި ޑެޕިއުޓީ ލީޑަރުން އެންމެ ކުރިއަށްލުމަށްފަހު، ސިޓީތަކާއި އަތޮޅުތައް ތަރުތީބު ވާގޮތަށް އެ ޕާޓީއެއްގެ ލީޑާޝިޕް ބޭނުންވާ ގޮތަށް ތަރުތީބު ކުރުމަށް ވެސް އޭނާގެ ހުށަހެޅުމުގައިވެ އެވެ.

ނަމަވެސް މި ދެ ހުށަހެޅުމުން އެއްވެސް ހުށަހެޅުމެއް ފާސްކުރަން ކޮމިިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވޯޓަކަށް ނާއްސަވަ އެވެ. އޭގެ ބަދަލުގައި އޭނާ މަސައްކަތް ކުރެއްވީ ކޮމިޓީ ބައްދަލުވުމުގައި މިއަދު ތިއްބެވި ހަ މެންބަރުން އެއްބަސްވާ ގޮތެއް ހޯއްދެވުމަށެވެ.

ޕާޓީތަކުގެ މެންބަރުން ވަކިން ތިބޭ ގޮތަށް ގޮނޑި އެތުރުމަށް މެންބަރުން ދެއްކެވި ވާހަކައާ ގުޅިގެން ހަސަން ލަތީފު ވިދާޅުވީ، އެގޮތަށް ގޮނޑިތަކަށް ބަދަލު ގެންނައިރު، ޕީޖީ ލީޑަރު އެންމެ ފަހަތުގައި އިންނަން ޖެހިދާނެ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ކޮމިޓީ ބައްދަލުވުގައި ހަސަން ލަތީފު ބޮޑަށް ވާހަކަ ދެއްކެވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި މެންބަރުން އެތުރިފައި ތިއްްބަވާ ގޮތަށެވެ. އެގޮތުން ހަސަން ލަތީފު ވިދާޅުވީ، ރިޔާސީ ނިޒާމާ އެންމެ ގާތް ކުރަނީ ވެސް އެމެރިކާގެ ސެނެޓް އެތުރިފައިވާ ގޮތަށް ކަމަށެވެ.

އެމެރިކާގެ ސެނެޓުގައި މެންބަރުން ތިއްބަވަނީ މެޖޯރިޓީ ޕާޓީގެ ހުރިހާ މެންބަރުން ކަނާތް ފަރާތުގައި އަދި މައިނޯރިޓީ ޕާޓީގެ މެންބަރުން ވާތް ފަރާތުގައި ތިއްބަވާ ގޮތަށް ކަމަށާއި އަދި އެތަނުގައި ސްޓޭޓްތަކުގެ އެސެންޑިން އޯޑަރަށް ގޮނޑިތައް ތަރުތީބުނުކޮށް ތިބެނީ އެމީހުންނަށް އޭބީސީޑީ ކިޔަން ނޭނގޭތީ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ހަސަން ލަތީފު އިތުރަށް ވިދާޅުވީ، މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، މެންބަރުން އެތުރިފައިވާ ގޮތަށް ބަދަލު ގެނައުމަށް މަސައްކަތްކުރާ ވާހަކަ މީޑިއާތަކުން ދެއްކި ނަމަވެސް އެ މަސައްކަތަކީ އެގޮތަށް ކުރާ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލީ އެ ދެ ހުށަހެޅުން ހިމަނައިގެން، އިދާރީ މުވައްޒަފުން ލައްްވައި ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓަށް އަލުން ބަހުސްކުރަން ނިންމުމަށްފަހުގަ އެވެ. އަދި އެ ރިޕޯޓަށް ދެން އޮންނަ ބައްދަލުވުމުގައި އިތުރަށް ވާހަކަދެއްކެވުމަށް ވެސް ނިންމި އެވެ.

މިއަދުގެ ބައްދަލުވުމުގައި މެންބަރުން ތަރުތީބު ވެފައިވާގޮތަށް ބަދަލު ގެނައުމުގެ ކަންކަމުގައި އެހެން ޕާޓީތަކާއި އަމިއްލަ މެންބަރުންނާ ވާހަކަ ދައްކައިގެން އިތުރަށް ހިޔާލު ހޯދުން މުހިންމު ކަމަށް ވެސް ބައެއް މެންބަރުން ލަފާ ދެއްވި އެވެ.

މަޖިލީހުގެ އާއްމު ކޮމިޓީގައި ތިއްބަވަނީ މުޅިން ވެސް އެމްޑީޕީ މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން އެތުރިގެން ތިއްބަވާ ގޮތް ބަދަލުކުރުމަށް ކޮމިޓީގައި މަޝްވަރާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމަކަށެވެ.