އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް ޕޮޒިޓިވްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން، ޓްރަމްޕްގެ ދެކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.
ޓްރަމްޕާއި މެލޭނިއާ ކޮވިޑަށް ޕޮޒިޓިވްވެފައިވާން އިއުލާންކުރައްވާފައިވަނީ މިއަދު ހެނދުނު ޓްރަމްޕް ކުރެއްވި ޓުވީޓެއްގައެވެ. ޓްރަމްޕް ވަނީ އެ ދެކަނބަލުން މިހާރު ކަރަންޓީނުގައި ހުންނެވިކަން ހާމަކުރައްވައިފައެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕާއި އަނބިކަނބަލުން މެލޭނިއާއަށް އެމަނިކުފާނާއި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ހެޔޮ ދުއާ ފޮނުއްވާ ކަމަށާއި އަދި އެ ދެކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހޯޕް ހިކްސް ކޮވިޑަށް ޕޮޒިޓިވްވުމާއެކު ކަރަންޓީނުވެ ވަޑައިގެން ޓްރަމްޕާއި އަނބިކަނބަލުންގެ ސާމްޕަލް ނަގާފައިވެއެވެ. ޓްރަމްޕްގެ ދެމަފިރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެ ސާމްޕަލްގެ ނަތީޖާއިން ދައްކައެވެ.
ހިކްސް އަކީ ޓްރަމްޕްގެ އެންމެ އަރިސްކޮށް މަސައްކަތް ކުރައްވާ އެއް ބޭފުޅާއެވެ. ހިކްސް ވަނީ ދާދިފަހުން ޓްރަމްޕްގެ އަރިހުގައި ގިނަ ދަތުރުތަކެއްވެސް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު