ލައިފް ސްޓައިލް

އެއްކަމެއް ނުވިޔަސް ވަރިހަމަ! އެކަމަކު ސްނެޕްޗެޓް ސްޓްރީކް ނުހެދިއްޖެ ނަމަ ބޯ ހަލާކު!

އީމާ މުހައްމަދު ވަހީދު

މީސްމީޑިއާގެ މަންސަތަކުގެ ތެރެއިން ވެސް މިހާރު ސްނެޕްޗެޓަކީ ޒުވާނުންނާއި އަދި މެދު އުމުރުގެ މީހުންގެ މެދުގައިވެސް ވަރަށް ހިނގާ އެޕެކެވެ. ސްނެޕްޗެޓްގައި ސްޓްރީކު ހެދުމަށް ބައެއް މީހުން ވަރަށް ފޯރި ހުރެއެވެ. ފާހަގަކޮށްލަން ޖެހެނީ ސްނެޕްޗެޓްގައި ސްޓްރީކް ހަދަން ފޯރިން ހުންނަނީ ހަމައެކަނި ނޫކަށި ފުރައިގެ ޒުވާނުން އެކަނި ނޫން ކަމެވެ. މެދު އުމުރުގެ މީހުންވެސް ވަރަށް ފޯރި ހުރެއެވެ. ފޭސްބުކް، އިންސްޓަގްރާމް ފަދަ އެޕް ބޭނުން ނުކުރާ މީހުންވެސް ސްނެޕުން ސްޓްރީކު ހަދައެވެ.

ސްނެޕްގައި ސްޓްރީކް ހަދާ ގޮތް ނޭނގޭ މީހަކު ވަރަށް މަދެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް މީހެއްގެ ގާތު ބުނެގެންވެސް ސްޓްރީކު ގެއްލިދާނެތީ ސްނެޕެއް ކުރާނެއެވެ. މީހަކު ހައިރާންވެ އަންތަރީހެއް ނުވާނެ ހެއްޔެވެ؟ ބޮޑެތި ޓްރެއިނިން ތަކަށް ދާއިރު ބުރަވެގެން ސްޓްރީކު ހިފަހައްޓަން ސްނެޕްކުރަން ވަގުތު ނުލިބިދާނެތީ، އެކުވެރިންނަށް ސްނެޕް އައިޑީ ހަވާލުކޮށްގެންވެސް ސްނެޕް ކުރަން ޖެހޭ ހާލަތަށް އެބަ ދެއެވެ. ކާ އެއްޗެއް ކާން ފެށުމުގެ ކުރިން ބިސްމި ކިޔައި ގަދަކީރިތިވަންތަ އިލާހް މަތިން ހަނދުމަ ކުރަން ހަނދާން ނެތުނު ނަމަވެސް، އެ ކާއެއްޗެހީގެ ސްނެޕެއް ކުރަން ހަނދާން ހުންނާނެއެވެ. އަދި އެވަރުން ވީއެއް ނޫނެވެ. ހިތްހަމަޖެހޭ ރީތި ދެތިން ސްނެޕް ކުރެވުނީމަ ނޫނީ ކާން ފަށާ ހިތްވެސް ބައެއް މީހުން ނުވާނެއެވެ.

ވަޒީފާގައި މާބުރަކޮށް އުޅެން ޖެހުމުން ފަރުޟު ނަމާދު ކުރަން އެބަ ހަނދާން ނެތެއެވެ. އެކަމަކު ދެއިރު ކާ ބޭސް ގުޅައެއް ހެން ސްނެޕް ކުރަން ހަނދާނެއް ނުނެތެއެވެ. އަހަރެމެންނަށް ދުވާލަކު ކުރަން ޖެހޭ ފަރުޟް 5 ނަމާދު ކުރަން މިއުޅެނީ ވަގުތުކޮޅެއް ހުސްކޮށް ނުލެވިގެންނެވެ. އެހެންނަަމަވެސް ދުވާލަކު 10 ވަރަކަށް ސްނެޕް ކުރަން ވަގުތު ވެއެވެ. މީހާ ބަލިވެގެން ހިިރި ނުލެވިފައި އޮތަސް ސްޓްރީކް ކުރަން ޖެހޭނެއެވެ. ސްޓްރީކް ކުރަނިކޮށް އަދި އެކުވެރިޔަކު ސްޓްރީކް ގެއްލުވައިލައިފިނަމަ އެޖެހުނީ އަދި ބޮޑު ތާނގައެވެ. ސްޓްރީކް ގެއްލުވާލިކަމުގެ ރުޅީގައި ބައެއް މީހުން އެކުވެރި ކަމުގެ ގުޅުންތައް ވެސް އެބަ ކަނޑާލައެވެ. މީހަކު ސަހަރޯ ހިތަށް އަރާ ވަރެވެ.

އަހަރެމެން މިއުޅެނީ ދިރިއުޅުމުގައި އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި ބޮލުގައި އެޅިފައިވާ ޒިންމާތައްވެސް ރަނގަޅަށް އަދާ ނުކުރެވިގެންނެވެ. އެހެންނަމަވެސް ބައެއް މީހުންގެ ހުރިހާ ފިކުރަކާއި ވަގުތެއް ހުސް މިކުރަނީ ސްޓްރީކް ހިފަހައްޓާނެ ގޮތެއް ޔަގީން ކުރުމަށެވެ. ސްނެޕުން ސްޓްރީކު ހެދުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް މައްސަލައަކީ އެކަމެއް ކުރުމަށް ކަނޑައެޅިފައި އޮންނަ އިމުން ބޭރުވާތީއެވެ. އެކަމަކަށް ދެވިހިފައި މަރުދަން ޖެހޭތީއެވެ. ދިވެހިންނާއި ސްޓްރީކު ހެދުމާވެސް މިހާރު އޮތީ ވަރުގަދަ ގުޅުމެކެވެ. މައިންބަފައިންނަށް ގުޅައިގެން އެމީހުންގެ ހާލު ބަލަން ހަނދާން ނެތް ނަމަވެސް ސްޓްރީކް ހަދަން ހަނދާން ހުންނާނެއެވެ.