ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް)ގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބުކޮށްފިއެވެ.

ޔޫތް ސެންޓަރުގައި އިއްޔެ ހަވީރު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ރޭމްގެ އާ ހިންގާ ކޮމިޓީ އިންތިހާބުކޮށްފައިވަނީ ނެގި ސިއްރު ވޯޓަކުންނެވެ.

އެގޮތުން ރޭމްގެ ހިންގާ ކޮމިޓީގެ ރައީސަކަށް ހޮވިފައިވަނީ ދޮންމަނިކު ސްކައިވިއުގެ ހާމިދު އަފީފް އެވެ. ދެ ނައިބު ރައީސުން އިންތިހާބުކޮށްފައިވާއިރު، ފުރަތަމަ ނައިބު ރައީސަކަށް ހޮވިފައިވަނީ ތަޒްކީ ރޫފްޓޮޕްގެ މުހައްމަދު މިރުސާދެވެ. ދެވަނަ ނައިބު ރައީސަކަށް ހޮވިފައިވަނީ ޑެލިސް ކޭޓަރިންގެ މުހައްމަދު ސުޖާއު އެވެ.

ޖެނެރަލް ސެކެޓަރީ އާއި ޓްރެޝަރާވެސް އިންތިހާބުކޮށްފައި ވެއެވެ. ޖެނެރަލް ސެކެޓަރީއަށް އިންތިހާބުކޮށްފައިވަނީ ތާޖް ފުޑްސްގެ މަރިޔަމް ސުހާނާއެވެ. ޓްރެޝަރާއަކަށް ދޮންމަނިކް ތައިގެ އަހުމަދު ރަޝީދެވެ.

މީގެ އިތުރުން ރޭމްގެ ބޯޑު މެންބަރުންގެ ގޮތުގައި އަށް މީހަކު އިންތިހާބުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހަޓް ކުޒީންގެ އަހުމަދު ނަސީމާއި ކިކްސްގެ ހަސަން އަލިމަނިކާއި ސަލްސާ ރިޓްރީޓްގެ އިބްރާހިމް އާމިރާއި ފުޑް ބޭންކްގެ މުހައްމަދު ޝަރީފް ހިމެނެއެވެ. ހޯމް ބްރޭންޑްގެ ނުޒައިރު އަލީއާއި ޖުވޭސް ކެފޭގެ ޖުވޭރިޔާ ވަޖުދީ އާއި ލެސޫކްގެ އަހުމަދު ޝާމިން އަދި ސިޓްރޮންގެ އަތީފް ހުސެއިން އަހުމަދު ވެސް ބޯޑަށް އިންތިހާބުކޮށްފައި ވެއެވެ.

ރޭމް އަކީ ރެސްޓޯރެންޓް، ކެފޭ އަދި ހޮޓާ ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން ތަމްސީލުކުރާ ޖަމިއްޔާއެކެވެ.