ބާސެލޯނާގައި ހަ އަހަރު ހޭދަކުރުމަށްފަހު ލުއިޒް ސުއަރޭޒް އެ ކްލަބު ދޫކޮށް އެތުލެޓިކޯއަށް ބަދަލުވީ މިދިޔަ ހަފްތާ ތެރޭގައެވެ. ބާސާގައި ކުޅުނު 283 މެޗުން 198 ގޯލް ޖަހައިދިން އުމުރުން 33 އަހަރުގެ ސުއަރޭޒް އެތުލެޓިކޯ ޖާޒީގައި ކުޅުނު ފުރަތަމަ މެޗު ރޭ ކުޅުނުއިރު، އޭނާ ވަނީ އެ މެޗުގައި ވިދާލާފައެވެ.
އެތުލެޓިކޯއިން ގްރަނާޑާ ކޮޅަށް ހަ ގޯލް ޖަހައި، 6-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރިއިރު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސުއަރޭޒް ވަނީ ދެ ގޯލް ޖަހައި އެސިސްޓެއްވެސް ހަދައިފައެވެ. ސުއަރޭޒްގެ އިތުރުން ރޭގެ މެޗުގައި ގޯލް ޖެހީ ކޮރެއާގެ އިތުރުން ޑިއޭގޯ ކޮސްޓާއާއި ސެގުއޭރާ އަދި ލޮރެންޓޭއެވެ.
ރޭގެ މެޗަށްފަހު ސުއަރޭޒް ބުނީ ކޮންމެ ކުޅުންތެރިއަކަށްވެސް ބައެއް ފަހަރު ބަދަލު ބޭނުންވާނެ ކަމަށާއި، ރޭގެ މެޗުގައި ދަނޑުމަތީގައި ފެނިގެން ދިޔައީ އެތުލެޓިކޯއިން އޭނާއަށް ކުރި އިހުތިރާމާއި އަދާކޮށްދިން މެހެމާންދާރީ ކަމަށެވެ. އެތުލެޓިކޯގައި ސުއަރޭޒްގެ އެޓޭކިން ޕާޓްނަރަކީ ޑިއޭގޯ ކޮސްޓާ ކަމަށްވާއިރު، އެ ޕެއާއަކީ މީޑިއާތަކުން ސިފަކުރާ ގޮތުގައި އެންމެ "ނުރައްކާ" އެޓޭކިން ޕެއާއެވެ.
އެފަދަ ގޮތަކަށް މީޑިއާތަކުގައި ސުއަރޭޒްއާއި ކޮސްޓާ ސިފަކޮށްފައި ވަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ކޮސްޓާއަކީ އަބަދުވެސް ޑިފެންޑަރު ރުޅި އަރުވާލައި، ގިނަ ފަހަރުތަކެއްގެ މަތިން ޑިފެންޑަރަށް ފައުލްކޮށް ދަނޑުމަތީގައި "ހަޑި ކުޅުން" ކުޅުމަށް މަޝްހޫރު މީހެކެވެ. ހަމައެހެންމެ، ސުއަރޭޒްއަކީ ދަތް އެޅުމަށް މަޝްހޫރު ކުޅުންތެރިއެކެވެ. ލިވަޕޫލްގައި އުޅުނުއިރު ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އިވަނޮވިޗް ގައިގައިވެސް ސުއަރޭޒް ދަތް އެޅިއިރު އުރުގުއޭއިން ވޯލްޑް ކަޕްގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗެއްގައި ޑިފެންޑަރު ޗިއެލީނީ ގައިގައިވެސް ސުއަރޭޒް ވަނީ ދަތް އަޅައިފައެވެ.
ރޭގެ މެޗަށްފަހު ސަމާސާ ރާގަކަށް ކޮސްޓާ ބުނެފައި ވަނީ މިހާރު ކޮންމެވެސް އެކަކަކީ ޑިފެންޑަރަށް ހަމަލާ ދޭ މީހާ ކަމަށާއި، އަނެކަކަށް ދަތް އެޅޭނެ ކަމަށެވެ. ކޮސްޓާ ބުނެފައި ވަނީ ސުއަރޭޒްއަކީ ކޮލިޓީ ފޯވަޑެއް ކަމަށާއި އެކުގައި ކުޅުމަކީ ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އޭގެ އިތުރުން ކޮސްޓާ ބުނެފައި ވަނީ ބާސާއިން ސުއަރޭޒް ފެންވަރުގެ ފޯވަޑެއް ފޮނުވާލަން ވިސްނި ސަބަބެއް ނޭނގޭ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު