މި ސަރުކާރުގެ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ޕްރޮޖެކްޓުތައް ހަވާލުކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އިގުތިސާދު ރަނގަޅު ނުވެއްޖެނަމަ ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނާނަންތޯ އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އެ ހާލަތަށް ނުދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އެގޮތުން އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 15 ޕަސެންޓާއި 17 ޕަސެންޓުގެ ކުރިއެރުމެއް ހޯދާނެ ކަމަށާއި އަދި 2022 އަހަރު ރާއްޖޭގެ އިގުތިސާދު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ހުރި ވަރަށް އިޔާދަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގެ ނިސްބަތުން ނުކުރާވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރިއަށް އޮތް މަސްތަކުގައި ކުރަން ފަށާނެ ކަމަށާއި އެކަމުގެ ސަބަބުން ފައިސާ ދައުރުވެ އިގުތިސާދު ރަނގަޅު ވެގެންދާނެކަން މިނިސްޓަރު އަމީރު ފާހަގަކުރެއްވި އެވެ.
އެގޮތުން މާލެ- ތިލަފުށި ބުރިޖާއި ގުޅީފަޅު ޕޯޓްގެ މަޝްރޫ އާއި ހަނިމާދޫ އެއާޕޯޓާއި އައްޑޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން އައްޑޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ލޯނު ނެގުމަކީ އިގުތިސާދު ކުރިއަރާ ކަމެއް ނޫން ކަމަށާއި އިގުތިސާދު ކުރިއަރާނީ ހޯދާ ލޯނުން ކުރާ މަސައްކަތުގެ ޒާތުން ކަމަށެވެ. އަދި ކޮވިޑުގެ ހާލަތާއެކު ވެސް ސަރުކާރުގެ މެނިފެސްޓޯގައި ވައުދުވި ގިނަ ކަންތައްތައް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ނެޝަަނަލް ޓެންޑަރު ބޯޑުން މިދިޔަ ދެ އަހަރުގައި އެވޯޑްކޮށްފިން މިދިޔަ ސަރުކާރުގެ ފަސް އަހަރުގައި ނުކުރާ ވަރަށް ޕްރޮޖެކްޓުތައް އެވޯޑްކޮށްފިން. މިހާތަނަށް ހަ ބިލިއަނާ ކައިރިކުރާ ވަރަށް ޕްރޮޖެކްޓުތައް އެވޯޑްކޮށްފިން. އެހެރީ ތަފާތަކީ. އިގުތިސާދު ފުޅާކުރަން ލޯނު ނަގާ މިންވަރަކީ ކުރިއެރުން ކަމަށް ބަލައިގެން ނުވާނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު