އިންޑިއާގެ ކޮޗިން އިން މިއަދު ހދ. ކުޅުދުއްފުއްޓަށް އައި ކާގޯ ބޯޓުން ގެނެސްފައިވަނީ ސިމެންތި އާއި ހަލާކުވެފައިވާ ކާރުތަކެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ކާގޯ ބޯޓުން 500 ޓަނަށް ވުރެ ގިނަ މުދާ ގެނެސްފައިވާ އިރު، ކުޅުދުއްފުއްޓަށް އެތަކެތި ބޭލުމުގެ މަސައްކަތް ކުރަނީ އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދެއް ބޯޓު ކައިރިއަށް ގޮސްގެންނެވެ. މި ބޯޓު މިމަހުގެ 28 ވަނަ ދުވަހު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ. ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.

މިއަދު ހަވީރު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ކޮޗިން ކާގޯ ފެރީން ގެންނާނެ މުދާ ބުކް ކުރުމަށް ކުޅުދުއްފުށީ ވިޔަފާވެރިންގެ ކިބައިން ސަރުކާރުން އާދޭސް ކުރި ކަމަށާއި އެކަމަކު އެކަމަށް އެއްވެސް ވިޔަފާރިވެރިއަކު އެއްބަސްވެފައި ނުވާ ކަމަށެވެ.

"500 ޓަނުގެ މުދާ ގެނައި ވާހަކަ އެ ދައްކަނީ. އޭގައި ހުރީ ރެމްކޯ ބްރޭންޑުގެ ސިމެންތިކޮޅެއް. ދެން ހައެއްކަ ކާރު، ހަލާކުވެފައި އޮތް. މިއީ އެރަށުގެ ރައްޔިތުން އަޅުގަނޑަށް މިއަދު ދިން މައުލޫމާތު،" މުއިއްޒު ވިދާޅުވިއެވެ.

ރެމްކޯ ބްރޭންޑަކީ އިންޑިއާގެ ބްރޭންޑެކެވެ. އެ ބްރޭންޑުގެ ސިމެންތިއަކީ ކުޅުދުއްފުށީ ރައްޔިތުން ބޭނުން ކުރާ ބްރޭންޑުގެ ސިމެންތިއެއްވެސް ނޫން ކަމަށާއި އެ ބޯޓުން ގެނައި ކާރުތަކަކީ މާލޭގައި ވޯކްޝޮޕެއް ހިންގާ ފަރާތެއްގެ ކާރުތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެތަކެތިން ކުޅުދުއްފުއްޓަށް ނުވަތަ އުތުރަށް އަންނާނެ ތަރައްގީއެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ރައްޔިތުން އޮޅުވާލަން އުޅޭނެ ކަމެއް ނެތް. ރައްޔިތުންނަށް ތި މާއްދިއްޔަތުގެ ދަހިވެތިކަން ދައްކައިގެން މި ގައުމުގެ ވެރިކަން އަތުލަން މަސައްކަތްކުރާނެ ކަމެއް ނެތް،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވަނީ 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓަކީ ވެސް އަމިއްލަ އެދުމެއް ނެތި ކުރާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއީވެސް ރާއްޖެ އަޅުވެތިކުރުމުގެ ނިޔަތުގައި އިންޑިއާއިން ކޮށްދޭ ކަމެއްކަމުގައި ސިފަކުރައްވައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ފ. އަތޮޅަށް ގެންނަން އުޅުނު ތަރައްގީ ހުއްޓުވީ މިހާރު ވެރިކަމުގައި ތިބި ފަރާތްތައް ކަމަށް ވެސް މުއިއްޒު ވަނީ ތުހުމަތުކުރައްވައިފައެވެ.

"އެންމެ އުތުރުގައި ހިންގަވަން އުޅުއްވި މަޝްރޫއު (އައިހެވަން) ހުއްޓިގެން ދިޔައީ ކީއްވެތޯ؟. އެޅި ހުރަސްތަކުގެ ސަބަބުން އެކަންވެސް އުތުރުގެ ރައްޔިތުންނަށް ގެެއްލިގެން ނޫންތޯ ދިޔައީ. ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއަށްވީ ކިހިނެތްތޯ؟. މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން ދިވެހިންނާ މެދު އެއްވެސް ވަރަކަށް ނުވިސްނާތީ އެ ފަރާތްތަކުން ހިންގި ޕްރޮޕެގެންޑާގެ ސަބަބުން ދިވެހިންނަށް ގެއްލިގެން ދިޔައީ ކޮންފަދަ ރަނުގެ ފުރުސަތެއްތޯ އެއީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ތަރައްގީގެ ވާހަކަދެއްކޭނެ އެއްވެސް ހައިސިއްޔަތެއް މިސަރުކާރުގެ އެއްވެސް ބޭފުޅަކަށް ނޯންނާނެ ކަމަށާއި ރާއްޖެއަށް ތަރައްގީ ގެނެސްދިނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ވެސް ރައީސް ޔާމީން ތަރައްގީ ގެނެސްދެއްވި ކަމަށް ވިދާޅުވިއެވެ.