ފީފާ ވޯލްޑް ކަޕާއި ޔޫރޯ ފަދަ ކުރު މުބާރާތެއްގައި ގައުމީ ޓީމެއްގެ ކޯޗުކަން ކޮށްލަން ބޭނުންވާ ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
ދުނިޔޭގެ ކްލަބު ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗު މޮރީނިއޯވަނީ ޔޫރަޕްގެ އެންމެ ޝަރަފުވެރި ތަށި، ޔޫއެފާ ޗެމްޕިއަންސް ލީގުވެސް ދެ ފަހަރަށް ކާމިޔާބު ކޮށްފައެވެ. އެފްސީ ޕޯޓޯއާއި އިންޓަ މިލާންއާއެކުވެސް މޮރީނިއޯ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑާއެކު މޮރީނިއޯ ވަނީ ޔޫރޮޕާ ލީގުވެސް ކާމިޔާބު ކޮށްފައެވެ.
ޗެލްސީއާއެކު އިނގިރޭސި ލީގުވެސް މޮރީނިއޯ ކާމިޔާބު ކޮށްފައިވާއިރު، އޭނާ ވަނީ ރެއާލްއާއެކު ސްޕެނިޝް ލީގު، އިންޓައާއެކު އިޓަލީ ލީގު އަދި ޕޯޗުގަލްއާއެކު ޕޯޗުގީޒް ލީގުވެސް ކާމިޔާބު ކޮށްފައެވެ. މޮރިނީއޯ ބުނެފައި ވަނީ ކްލަބު ފުޓުބޯޅައިގައި 20 އަހަރު ވެއްޖެކަމަށާއި، ގައުމީ ޓީމަކާއެކު ކުރު މުބާރާތެއްގެ ތަޖުރިބާއަކީ އަބަދުވެސް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.
"ގައުމީ ޓީމަކަށް ކޯޗު ކޮށްދޭން ވަރަށް ބޭނުން. ވޯލްޑް ކަޕެއް ނޫނީ ޔޫރޯ މުބާރާތެއްގެ އިހުސާސް ކޮށްލަން ބޭނުން. އެއީ ތަފާތުވާނެ ތަޖުރިބާއެއް،" މޮރީނިއޯ ބުނެފައިވެއެވެ.
މޮރީނިއޯގެ އުފަން ގައުމު ޕޯޗުގަލްގެ ރަނގަޅު ސްކޮޑެއް އޮތް ނަމަވެސް، އޭނާ ބުނެފައި ވަނީ އުފަން ގައުމަށް ކޯޗުކަން ކޮށްދިނުމަކީ އުނދަގޫ ވާނެ ކަމެއް ކަމަށެވެ.
"އަހަރެންގެ ހިތް އޮންނާނީ ޕޯޗުގަލްގައި. ޝައްކެއްވެސް ނެތް. އެކަމަކު އުފަން ގައުމުގެ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ ކުރަން އުނދަގޫ ކަމެއް،" މޮރީނިއޯ އިތުރަށް ބުނެފައި ވެއެވެ.
ކްލަބު ފުޓުބޯޅައިގައި ކާމިޔާބީތައް ހޯދާފައިވާ ބައެއް ކޯޗުން ގައުމީ ޓީމުތަކުގައިވެސް ކާމިޔާބުކޮށް ފެނިފައި ވެއެވެ. ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް އަދި ޔޫރޯ ކާމިޔާބުކުރި ޑެލް ބޮސްކޭގެ އިތުރުން އެންޓޯނިއޯ ކޮންޓޭއަކީވެސް ގައުމީ ޓީމުގެ އިތުރުން ކްލަބުތަކުގައިވެސް ތަފާތު ދައްކަމުން އަންނަ ބައެއް ކޯޗުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު