ބާސެލޯނާގެ ޒުވާން ތަރި، އަންސޫ ފަޓީ ކުރިއަށް އޮތް ހަތަރު އަހަރަށް ކޮންޓްރެކްްޓް އާކޮށްފިއެވެ.

ބާސާގެ ސީނިއާ ސްކޮޑުގެ ކުޅުންތެރިއެއްގެ ގޮތުގައި އަންސޫ ފަޓީ ރަސްމީކޮށް ދައްކާލާފައިވާއިރު، އޭނާގެ ކޮންޓްރެކްޓްގައި ރިލީސް ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 400 މިލިއަން ޔޫރޯގެ އަދަދެކެވެ. އެއީ އުމުރުން 17 އަހަރުގެ ކުޅުންތެރިއެއްގެ ރިލީސް ފީއަށް ބަލައި ބޮޑު އަދަދެކެވެ.

ބާސާއިން އިއުލާން ކޮށްފައިވާ ގޮތުގައި އަންނަ ސީޒަނުން ފެށިގެން އަންސޫ ފަޓީ ބޭނުންކުރާނެ ޖާޒީ ނަންބަރަކީ 22އެވެ. އެ ނަންބަރު މިދިޔަ ސީޒަންގައި ބޭނުންކުރި އަރުޓޫރޯ ވިޑާލް ވަނީ ބާސާ ދޫކޮށް، އިންޓަ މިލާނަށް ބަދަލުވެފައެވެ. މިދިޔަ ސީޒަންގައި ވިދާލި އަންސޫ ފަޓީގެ ކޮންޓްރެކްޓް ދެ އަހަރު ފަހުން ހަމަވާނެ ގޮތަށް އޮތް ނަމަވެސް، ބާސާއިން ކޮންޓްރެކްޓް އާކުރީ އޭނާގެ ހުނަރުވެރިކަމަށް ބަލައި، ރިލީސް ފީ ބޮޑުކުރުމަށް ކަމަށް ބެލެވެއެވެ.

އުމުރުން 16 އަހަރާއި 298 ދުވަހުގެ ތެރޭގައި އަންސޫ ފަޓީ ވަނީ ބާސާއަށް ފުލް މެޗެއް ކުޅެފައެވެ. އަދި އެޓީމުން އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ޖަހައި، އަންސޫ ފަޓީ ވެފައިވަނީ ބާސާގެ ތާރީހުގައި ވާދަވެރި މެޗެއްގައި ގޯލް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މިދިޔަ ސީޒަންގެ އެކިއެކި މުބާރާތްތަކުގައި އަންސޫ ފަޓީ ވަނީ ބާސާއަށް 42 މެޗު ކުޅެދީ 12 ގޯލް ޖަހައިދީފައެވެ.

އެންމެފަހުން ސްޕެއިންއިން ކުޅުނު މެޗުގައިވެސް އަންސޫ ފަޓީ ގައުމީ ޓީމަށް ގޯލް ޖަހައިދީފައިވާއިރު، އާ ކޮންޓްރެކްޓާއެކު އޭނާ ބުނެފައި ވަނީ އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށާއި، ލިބުނު ބޮޑު ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބާސާއިން ސްކޮޑު އެއްކޮށް ޒުވާން ކޮށްލައި، ޓީމުގެ އޯވާހޯލަކަށް ފަހިކުރަމުން އަންނަ މި ދަނޑިވަޅުގައި އަންސޫ ފަޓީ ފަދަ ޒުވާން ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އާކުރުމަކީ އެޓީމަށް ލިބުނު ފައިދާއެކެވެ. މިހާތަނަށް ކްލަބުގެ ފޯވަޑް ލުއިޝް ޝުއަރޭޒްގެ އިތުރުން ވިޑާލްއާއި ސަމެޑޯ ފަދަ ކުޅުންތެރިންވެސް ކްލަބު ދޫކޮށްލާފައިވާއިރު، މެސީ ވަނީ ސީޒަން ގެ ކުރިން ކްލަބު ދޫކޮށްލުމަށް އެދިފައެވެ. އެހެން ނަމަވެސް ބާސާއިން އޭނާ ހިފެހެއްޓީ ވަރުގަދަ ކޮންޓްރެކްޓެއް ކުރެވިފައި އޮތުމާއެކު، ގާނޫނީ ގޮތުން ފިއްތާލައިގެންނެވެ.