ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5ގައި ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ތިންވަނަ ދައުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަހެއްވާ ހޯމަ ދުވަހު އޮންނާނެ ކަމަށެވެ.
މުޅިއެކު 21 ގާނޫނެއް ނިންމުމަށްފަހު، މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިމަހު ހައެއްގައެވެ.
ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމަވާލައްވަމުން ޖަލްސާގެ ރިޔާސަތުގައި އެދުވަހު އިންނެވި މަޖިލީހުގެ ނާއިބު ރައީސް އިވާ އަބުދުﷲ ވިދާޅުވީ، މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތަކުގެ ތެރެއިން 67.6 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. އެގޮތުން 21 ބިލަކާއި، ސަރުކާރުން ހުށަހެޅި 18 މައްސަލައަކާއި، ރިޔާސަތުން ހުށަހެޅި 11 މައްސަލައެއް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މެންބަރުން ހުށަހެޅުއްވި 16 ކުއްލި މައްސަލަ ނިންމާފައިވާ ކަމަށާއި ނުވަ ގަރާރަކާއި އެކި މައްސަލަތަކާ ގުޅޭ 19 ރިޕޯޓެއް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، ދެވަނަ ދައުރުގައި ވަޒީރުންނާ މެންބަރުން 30 ސުވާލެއް ކުރެއްވި ކަމަށެވެ.
މަޖިލީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދެވަނަ ދައުރު ނިމުނުއިރު ނުނިމި، ތިންވަނަ ދައުރަށް ހުރި މައްސައްކަތްތަކުގެ ތެރޭގައި 29 ބިލަކާއި، ހަތް ގަރާރަކާއި، ރިޔާސަތުން ހުށަހެޅި ހަތް މައްސަލައާއި ސަރުކާރުން ހުށަހެޅި މައްސަލައަކާއެކު އަށް މައްސަލަ ހިމެނެއެވެ.
މިދިޔަ ދައުރުގައި މަޖިލީހުން ވަނީ މުހިއްމު ބިލުތަކެއް ފާސްކޮށްފައެވެ. އެގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ބިލާއި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލު ފާހަގަކުރެވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރުން އެހެން ބައެއް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމާއި، މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރުން ފަދަ މުހިއްމު ކަންތައްތަކެއް މަޖިލީހުން ވަނީ ކޮށްފައެވެ.
އީވާ ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުންގެންދާ ކަންތައްތަކަށް ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހުގެ 17 ކޮމިޓީން ލަފާދީފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު