ހަ އަހަރު ބާސެލޯނާގައި ހޭދަކުރުމަށްފަހު، އެޓީމަށް ކުޅެމުންދިޔަ އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ކްލަބަށް އަލްވަދާއު ކިޔައިފިއެވެ.

ސުއަރޭޒް ބާސާގެ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ގޮސްފައިވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. ޓްރާންސްފާ ފުރިހަމަ ކުރުމަށް އޭނާއަށް ވަގުތު ނަގާފައިވަނީ ބާސާގެ ރައީސް ޖޯސެފް ބާޓެމިއުއާ ދެމެދު އުފެދުނު ދެބަސްވުމެއްގައެވެ. ބޮޑެތި މައްސަލަތަކެއް ބާސާގެ ތެރޭގައި އުފެދިފައިވާ އިރު، ބާސާއިން ކުރިންވެސް ބޭނުންވީ ސުއަރޭޒް ދޫކޮށްލުމަށެވެ. އެހެން ނަމަވެސް ރައީސް ޝަރުތުކޮށްފައިވަނީ ވާދަވެރި ކްލަބަަކަށް ނުދިއުމަށެވެ.

އެހެން އެކަން އޮތުމުން ސުއަރޭޒް ފުރަތަމަ މަސައްކަތްކުރީ އިޓަލީގެ ޔުވެންޓަސްއަށް ދިއުމަށެވެ. އެ ޓްރާންސްފާ ފުރިހަމަ ނުވީ އިޓަލީގެ ޕާސްޕޯޓް ހޯދަން ޝުއަރޭޒް ކުރި މަސައްކަތް ނާކާމިޔާބުވި ހިސާބުންނެވެ. ސުއަރޭޒް އެތުލެޓިކޯއަށް ދާން ހުރިހާ ކަމެއް ނިންމާފައި ވަނިކޮށް، ބާސާގެ ރައީސް އެ ޓްރާންސްފާ ހުއްޓުވިއެވެ. ބާސާގެ ރައީސަށް ސުއަރޭޒް ދޫކޮށްލަން ޖެހުނީ މީޑިއާގައި އޭނާގެ އިހުސާސްތައް ބޭރުކޮށްލާނެ ކަމަށް ބުނުމުންނެވެ.

ސްޕެއިންގެ ނޫސްވެރިންނާ ހަވާލާދީ، ސްކައި ސްޕޯޓްސްގެ އެންމެ އިތުބާރުހުރި ނޫސްވެރިޔާ ފަބްރީޒިއޯ ބުނެފައި ވަނީ ބާސާގެ ތަމްރީނު ހަދާ ސެންޓަރުން ޝުއަރޭޒް ނުކުމެގެން ދިޔައީ "ރޮމުން ކަމަށެވެ. އަދި އެމަންޒަރު އެކުލެވޭ ވީޑިއޯއެއްވެސް އޭނާ ވަނީ ޓުވީޓް ކޮށްފައެވެ.

2014 ވަނަ އަހަރު ޝުއަރޭޒް ބާސާއާ ގުޅުނީ ލިވަޕޫލުންނެވެ. ބާސާއިން ޝުއަރޭޒް ގެންގޮސްފައި ވަނީ 74 މިލިއަން ޕައުންޑުގެ އަގަކަށެވެ. ބާސާއަށް ޝުއަރޭޒް ކުޅުނު 283 މެޗުން އޭނާ ވަނީ 198 ގޯލް ޖަހައިދީފައެވެ. އެ މުއްދަތުގައި ހަތަރު ފަހަރަށް ލީގު ކާމިޔާބުކޮށް، ހަތަރު ފަހަރަށް ކަޕްވެސް ކާމިޔާބު ކޮށްފައިވެއެވެ. އޭގެ އިތުރުން ޝުއަރޭޒް ވަނީ ބާސާއާއެކު ޗެމްޕިއަންސް ލީގު އުފުލާލައި، ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ބާސާގެ ކެޕްޓަން މެސީގެ އެންމެ ގާތް އެކުވެރިޔަކީވެސް ޝުއަރޭޒްއެވެ. މި ސީޒަން ގެ ކުރިން މެސީވެސް ބާސާ ދޫކޮށްލަން އެދިފައިވާއިރު، އެ ނިންމުމަށް ހުރަސް އެޅީ ބާސާއިންނެވެ. ބާސާއިން ވަނީ މެސީއަށް ގާނޫނީ ގޮތުން ދަތިކޮށް، ކްލަބުގައި ގަދަކަމުން މަޑުކުރުވައިފައެވެ.