ބޭންކް އޮފް ސިލޯނުން ނަގާފައިވާ ލޯނަކަށް ދައްކަން ޖެހޭ 4.3 މިލިޔަން ޑޮލަރު ނުދައްކައިގެން، އދ. ތެލުވެލިގާ ރިޓްރީޓް ރިސޯޓު ވިއްކާލުމާ ބެހޭ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.
އެ މައްސަލައަކީ، މއ. ވަހާރި ހުސެއިން ހިލްމީ ޔަގީންކަން ދީގެން، ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ބޭންކް އޮފް ސިލޯނާ ދެމެދު ވެފައިވާ ލޯނު އެއްބަސްވުމެއްގެ ދަށުން 4.5 މިލިޔަން ޑޮލަރުގެ ޓާމް ލޯނު ފެސިލިޓީއެއް ބޭންކް އޮފް ސިލޯނުން ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ މައްސަލައެވެ.
އެ ޓާމް ލޯނު ފެސިލިޓީއާ ގުޅިގެން އދ. ތެލުވެލިގާގެ އެންމެހާ އުފުލޭ މުދަލާއި ނުއުފުލޭ މުދާ، އަދި އެރަށާއި ގުޅިފައިވާ އެރަށުގައި ބޭނުންކުރެވޭ އެންމެހާ ތަކެތި ހިމެނޭގޮތަށް ލީސް އެގްރީމެންޓްގެ ދަށުން އެރަށުގެ ވެރިފަރާތަށް ލިބިގެންވާ އެންމެހާ ހައްގުތަކާއި ބާރުތަކާއެކު ބޭންކް އޮފް ސިލޯނުގައި ވަނީ ރަހުނުކޮށްފައެވެ.
އެކަމާ ބެހޭގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، އެ ލޯނު ފެސިލިޓީއާ ގުޅިގެން ލޯނު ނެގި ފަރާތް ކަމަށްވާ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ބޭންކް އޮފް ސިލޯނަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތަށް ދައްކާފައިނުވާތީ 25 އޭޕްރީލް 2018 ގެ ނިޔަލަށް އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާއެކު ޖުމްލަ 4.3 މިލިޔަން ޑޮލަރު ލޯނު ނެގި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ލޯނަށް ގެރެންޓީ ދިން ފަރާތުން ބޭންކް އޮފް ސިލޯނަށް ދައްކަން ޖެހިފައި ނުދެއްކި އޮތްކަން ޝަރީއަތަށް ސާބިތުވާތީ، ރަހުނުކޮށްފައިވާ އދ. ތެލުވެލިގާގެ ވެރި ފަރާތަށް ލިބިގެންވާ އެންމެހާ ހައްގުތައް ވިއްކާލައިގެން އެ ފައިސާ ހޯދުމުގެ ހައްގު ބޭންކު އޮފް ސިލޯނަށް ލިބިގެންވާ ކަމަށެވެ.
އެ ހުކުމާ ގުޅިގެން އެ ރަށް ވިއްކައިލުމަށް ބޭންކު އޮފް ސިލޯނުން އިއުލާންކޮށް މަސައްކަތް ފެށުމުން، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އދ. ތެލުވެލިގާގެ ފަރާތުން ހައިކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ.
އެގޮތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގައި ހައިކޯޓުން ވަކި ގޮތެއް އަންގަންދެން، ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އެރަށް ވިއްކައިލުމަށް ކުރަންދިޔަ ކަންތައް ވަގުތުން ހުއްޓާލުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން ބޭންކު އޮފް ސިލޯނުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، އެ ރަށް ވިއްކާލުމުގެ މަސަައްކަތް ހުއްޓާލުމަށް ހައިކޯޓުން ނެރެފައިވާ އަމުރު ބާތިލު ކުރުމަށެވެ.
މިއަދުގެ ޝަރިއަތުގެ މަޖިލީހުގައި، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ބެންޗުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި އިންނެވި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ހައިކޯޓުން އެ މައްސަލައަށް ގޮތެއް ނުނިންމައި، މައްސަލަ ބަލަމުންދަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލައަށް ގޮތެއް ނިންމޭނީ ކޮން ގޮތަކުންތޯ، މައްސަލަ ހުށަހެޅި ބޭންކު އޮފް ސިލޯނުގެ ވަކީލުންނާ ސުވާލު ކުރައްވައިފައެވެ.
މި މައްސަލައިގައި، އދ. ތެލުވެލިގާގެ ވަކީލު ވިދާޅުވީ އެ މައްސަަލައަކީ ބޭންކު އޮފް ސިލޯނާއި އެފަރާތާ ދެމެދު ކޯޓުން ބޭރުގައި ހައްލު ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ މައްސަަލައެއް ކަމަށެވެ. އެހެންކަމުން ހައިކޯޓުގައި އޮތް މައްސަލަ ނެގުމަށް އެދިގެން އެ މައްސަލަ ނަގާފައިވާ ކަމަށާއި އެހެންކަމުން މިއަދު ސުޕްރީމް ކޯޓުގައިވެސް މި މައްސަލައިގެ އަޑުއެހުން އޮންނާނެ ކަަމަށް ކުރިން ބެލެވިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް، ކޯޓުން ބޭރުން މައްްސަލަ ހައްލު ކުރުމުގައި އިހުލާސްތެރިވުން މުހިއްމު ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުން ނިންމަވައިލައްވަމުން އިސްފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު