ޕާޓިގެ އަގު ވައްޓާލުމާއި، ފިތުނަ އުފެއްދުމާއި، ޕާޓީއަށް ގެއްލުންވާ ގޮތަށް އަމަލުކޮށް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ހުތުރު ބަހުން މުއާމަލާތްކުރުމުގެ ތުހުމަތުގައި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރުކަމާއި އެ ކޮމިޓީގެ މެންބަރުކަމުން ފުރަހަނި ޝުއައިބު އަލީ ދުރުކުރީ އެ ތުހުމަތުތަކަށް ޖަވާބު ދިނުމަށް ފުރުސަތު ނުދީ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޝުއައިބު މިހެން ވިދާޅުވެފައި ވަނީ، އެޕާޓީގެ ނާއިބު ރައީސް އަދި ފިޔަވަޅުއަޅާ ކޮމިޓީގެ މުގައްރިރު މުހައްމަދު ޝިފާޒަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކުރެވުނު އެ ތުހުމަތުތަކާއި ގުޅިގެން މިދިޔަ ބުރާސްފަތިދުވަހު ޕާޓީ އޮފީހުގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ހުށަހެޅުނު ތުހުމަތުތަކަށް ޖަވާބުދޭނެ ފުރުސަތު ނުދީ ވަގުތުން ވަގުތަށް އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށްފަހު ކޮމެޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމިޓީގެ މެންބަރު ކަމުން ސަސްޕެންޑްކޮށް ޕާޓީގެ ރަސްމީ ޓުވީޓާ އެކައުންޓުން ހަމަ އެދުވަހު 3:26 ގައި އެކަން އާއްމުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ހަމަ އެދުވަހުގެ 4:31 ގައި އެ މައްސަލައިގައި ޖަވާބުދާރީވުމަށް ފުރުސަތު ދެއްވައި އީމެއިލް މެދުވެރިކޮށް މައްސަލައަށް ޖަވާބުދާރީވުމަށް އެދި ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ތުހުމަތުތަކަށް ދިން ޖާބުވެސް އެ ސިޓީގައި ޝުއައިބު ވަނީ ހިމަނުއްވައިފައެވެ.
ސޯޝަލް މީޑިއާގައި ޕާޓީގެ އަގު ވައްޓާލުމުގެ ތުހުމަތާގުޅިގެން ދީފައިވާ ޖަވާބުގައި ވިދާޅުވެފައިވަނީ އެގޮތަށް ޕާޓީގެ އަގު ވައްޓާލަން ކުރި ކަންތައްތައް ތަފްސީލުކޮށް ހެއްކާއެކު އަންގަވައި ދެއްވުމުން ޖަވާބު އަރުވާނެ ކަމަށެވެ.
ފިތުނަ އުފެއްދުމުގެ ތުހުމަތާ ގުޅިގެން ވިދާޅުވެފައިވަނީ، ފިތުނަ އުފައްދަން ކުރީ ކޮން ކަމެއްކަން ސިޓީގައި ބަޔާންކޮށްދީފައި ނުވާތީ، ވިދާޅުވެފައި އެވާ ފިތުނައަކީ ކޮން ދެބައެއްގެ ދެމެދުގައި އުފައްދާފައިވާ ފިތުނައެއްކަން ސާފުކޮށް އަންގަވައި ދެއްވުމުން ޖަވާބު އަރުވާނެ ކަމަށެވެ.
ޕާޓީއަށް ގެއްލުންވާގޮތަށް އަމަލު ކުރިކަމުގެ ތުހުމަތާ ގުޅިގެން ވިދާޅުވެފައި ވަނީ "އެމްޑީޕީ ވުޖޫދުކުރަން ފެށި މަސައްކަތާ ހިސާބުން ފެށިގެން މިއަދާ ހަމައަށް ޕާޓީއަށް ގެއްލުންވާ އެއްވެސްކަމެއް ކޮށްފައިނުވާނެ، އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަކަމެއް ނުކުރާނެކަން މި ޕާޓީގެ ފައުންޑަރުންނާއި އަޅުގަނޑާއެކު މަަސައްކަތްކުރެއްވި ޕާޓީގެ އިސްބޭފުޅުން ދަންނާނެ، އެހެނަސް އަޅުގަނޑަކީ ވަރަށް ސާދާކޮށް ސާފު ބަހުން ހިޔާލު ފާޅު ކުރުމާއި، ކަންކަން ހިނގާ ގޮތް އަބަދުވެސް ޕާޓީތެރޭގައި ބުނަމުން އަންނަ މީހެއް، ވަކި މަގާމެއްގައި ހުރި ވަކި މީހަކަށް ބެލުމެއް ނެތި،" ކަމަށެވެ.
ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ހުތުރު ބަހުން އޭނާ މުއާމަލާތެއް ކޮށްފައި ވާނަމަ ޖަވާބުދާރީ ވުމަށްޓަކައި އެ މުއާމަލާތެއްގެ ތަފުސީލު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އޭނާ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމުގެ ތަފްސީލުތައް ފޮނުވާއިރު ޕާޓީގެ އަސާސީ ގަވައިދާއި ނޫނީ އެނޫންވެސް ޕާޓީގެ ގަވާއިދެއްގެ ދަށުން އެކަންކަމަަކީ ކުށެއް ކަމަށް ބަޔާންކުރާ މާއްދާތަކާއި ހަވާލާދީފައިވާ ގަވާއިދުތައް ފޮނުވައި ދެއްވުން ނުވަތަ ފާހަގަކޮށްދިނުން އެދިވަޑައިގަންނަވާ ކަމަށްވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ.
މަގާމުން ދުރުކޮށްފައިވީނަމަވެސް އޭނާ މިސީޓީ ފޮނުއްވާފައި ވަނީ، މަސްލަހަތު ފުށުއަރާތީ ބެސްޓް ޕްރެކްޓިސްގެ އުސޫލުން އަމިއްލައަށް ކޮމިޓީން ތަނާޒުލުވި، ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރުގެ ހައިސިއްޔަތުންނެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ