ކުޑަކުދިން މާ ގިނައިން ތުރުތުރު އަޅަންޏާ ޑޮކްޓަރަށް ދައްކާލުން މުހިއްމު ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިޓުޖެހުމާއި ތުރުތުރު އެޅުން (ޖިޓަރިނެސް) އަކީ ތަފާތު ދެކަމެއް ކަމަށެވެ.
އެގޮތުން ތުރުތުރު އެޅުމުގައި ހަރަކާތްތައް ހަލުވިވާނެ ކަމަށް ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ. އަދި ކޮއްޓާލުމުން ތުރުތުރު އަޅަން ފަށާފައި، އަތާއި ފައިގައި ހިފެހެއްޓުމުން ތުރުތުރުވެސް ހުއްޓޭނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. މީގެ އިތުރުން މިހާލަތުގައި ކުއްޖާގެ ލޮލުގެ ކަޅި ހުއްޓި މައްޗަށް ނާރާނެ ކަމަށާއި ނޭވާ ހުއްޓި ނޫފައި ނުގަންނާނެ ކަމަށް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ގިނައިން ކުއްޖާ ތުރުތުރު ލާން ފަށަނީ ވިހައިގެން ފުރަތަމަ ހަފުތާގައި ކަަމަށެވެ. އަދި މާ ގިނައިން ތުރުތުރު އަޅަންޏާ ޑޮކްޓަރަށް ދައްކާލަން ވާނެ ކަމަށް ވިދާޅުވިއެވެ.
ވިހައިގެން ފުރަތަމަ ހަފުތާގައި ކުއްޖާ ތުރުތުރު އެޅުމުގެ މައިގަނޑު ސަބަބުތަކަކީ ފިނިވުމާއި، ހަކުރު، ކެލްސިއަމް، މެގްނީޒިއަމް ދަށްވުމުގެ އިތުރުން ލޭ އޮލަވުމުން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ކުޑަކުދިން ތުރުތުރު އެޅުމަކީ ބޮޑު ކަމަކަށް ނުވި ނަމަވެސް މިފަދަ ސަބަބުތަކަށް ފަރުވާ ނުދެވޭނަމަ އިތުރަށް ގޯސްވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު