ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2003 ވަނަ އަަހަރު މާފުށީ ޖަލުގައި ގައިދީންތަކެއްގެ ގަޔަށް ބަޑިޖެހި ހާދިސާގެ ހަގީގަތް ހޯދިފައިނުވާ ކަމަށާއި އެކަން ރައްޔިތުންނަށް ސާފުވާންޖެހޭ ކަަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މ.އޭޝިއާ، ހަސަން އީވާން ނަސީމު މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިގެން ތަޅައި އަނިޔާކޮށް މަރާލިތާ 17 އަހަރު ފުރުނު ދުވަހާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، އީވާން ނަސީމު މަރާލި ހާދިސާއަކީ ރާއްޖޭގެ ޖަލުތަކުގައި ރައީސް މައުމޫންގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެދޫކޮށްފައިވާ ކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިޔަ ވާހަކަތަކުގެ ހަގީގަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ގަބޫލުކުރެވޭ މިންވަރަށް ތިލަވެގެން ދިޔަ ޖަރީމާއެއް ކަމަށެވެ.

އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިޔަ ކަމަސް ވެސް އެމްޑީޕީން ބުންޏެވެ.

"ރައީސް މައުމޫނުގެ ސަރުކާރުގެ މި އަނިޔާވެރި ޖަރީމާއަށްފަހު ވެސް ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ހަގީގަތް ހޯދިފައިނުވޭ. މިގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާނަމަ އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ގާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަހުގީގެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ހަގީގަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަން ފާހަގަކުރަން،" އެމްޑީޕީން ބުންޏެވެ.

އީވާން ނަސީމުގެ މަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ފާހަގަކުރައްވައި ޓުވީޓެއް ކުރައްވައިފަ އެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމަށެވެ. އަދި މިއީ އަނިޔާއާ ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލުކުރުމަށް ނިންމައި ނުކުތް ދުވަސް ކަމަށް ވެސް ވިދާޅުވި އެވެ.

އުމުރުން އެންމެ 16 އަހަރުގައި ޖަލަށްލައި ހައްޔަރުކުރި އީވާން ނަސީމު އޭގެ ތިން އަހަރު ފަހުން މާފުށީ ޖަލުގައި މަރުވީ ސިފައިން އޭނާގެ ގައިގާ ތަޅައި ލިބުނު އަނިޔާތަކުގަ އެވެ. އެކަމާ ގުޅިގެން ޖަލުގައި އިހްތިޖާޖު ކުރުމުން އެކަން މައިތިރި ކުރަން ސިފައިން ބަޑިޖެހުމުން އިތުރު ގައިދީންތަކެއް މަރުވި އެވެ.

އެ ލޭއޮހޮރުވުމާއި ގުޅިގެން މާލޭގައި ވެސް ހަމަނުޖެހުން ހިންގައި ފުލުހުންނާއި ސަރުކާރުގެ ބައެއް އިމާރާތްތަކާއި ވެހިކަލްތަކުގައި ރޯކުރި އިރު އެކަމާ ގުޅިގެން މާލޭގައި ކާފިއު ވެސް ހިންގި އެވެ.