އަމާޒަކީ ފަސޭހަ ކަމާއެކު އަދުލު އިންސާފަށް ވާސިލް ވެވޭނޭ މަގު ފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަގީކަން ލިބިފައިވާ ތަނަކަށް ސުޕްރީމް ކޯޓު ހަދައި އަދުލު އިންސާފު ގާއިމް ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ ދެމިތިއްބެވުން ކަމަށް ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
އެ މެސެޖުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ ނުރައްކާތެރި މި ވަގުތުގައި ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި އެ ކޯޓުން ހިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއެކު ސުޕްރީމް ކޯޓުން ފޯރުކޮށްދޭން ޖެހޭ އަދުލު އިންސާފުގެ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ލިބިފައިވާ މަދު ވަސީލަތްތަކާއެކު ވެސް އެ މަސައްކަތް އެގޮތަށް ކުރުންމަތީ ދެމި ތިބުމަކީ އަމާޒެއް ކަމަށާއި، އަދުލުއިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާ ނެރޭ ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި ސުޕްރީމްކޯޓު ހަރުދަނާ ކުރުމަކީވެސް އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސުޕްރީމްކޯޓަށް 12 އަހަރު ފުރިގެން މިދިޔައީ، އިޖާދީ އަދި ހާމަކަންބޮޑު ގޮތެއްގައި ޝަރީއަތްތައް ހިންގުމުގެ އާ ގޮތްތަކެއް އަލަށް ތައާރަފު ކުރެވި އެކަންކަމުގެ ހެޔޮ ތަޖުރިބާއާއެކު. އެގޮތުން 2020 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން، އާއްމުކޮށް އަޑުއެހޭނޭހެން ސުޕްރީމްކޯޓުގެ ވެބްސައިޓްގައި އާއްމުކުރަން ފެށިފައިވޭ، އޭގެ އިތުރުން ސުޕްރީމްކޯޓުގެ ޝަރީއަތްތައް ޒަމާނީ ވަސީލްތަކުގެ ޒަރީއާއިން ކުރިއަށް ގެންދިއުމާގުޅޭ ގަވާއިދެއް އެކުލަވާލައި 2020 ޖޫން ދޭއްގައި ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް ބޭނުންކޮށްގެން ވަނީ ބާއްވައިފަ، އެއަށްފަހު ޝަރީއަތްތައް ކުރިއަށް ގެންދަނީ ލައިވްކޮށް ކުރިއަށް ގެންދެވޭ ޝަރީއަތްތަކެއްގެ ގޮތެއްގައި،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސުޕްރީމްކޯޓުގެ ޝަރީއަތުގެ މާލަމުގައި ކުރިއަށް ގެންދާ ޝަރީއަތްތަކަކީ ވެސް ލައިވްކޮށް ކުރިއަށް ގެންދާ ޝަރީއަތްތަކެއްގެ ގޮތުގައި ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިޖުރާއަތްތައް ފަސޭހަ ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މައްސަލަ ހުށަހަޅާއިރު ގިނަ އަދަދެއްގެ ކޮޕީ ހުށަހަޅަން ޖެހޭގޮތަށް އޮތްއޮތުން ނިމުމަކަށް ގެންނަވާފައިވާ ކަމަށާއި އެންމެނަށް ފަސޭހަވާނެ ގޮތްތައް ހަމަޖެއްސުމަށް ޝަރީއަތާ ގުޅުން ހުރި ފޯމުތަކާއި ލިޔެކިޔުންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވިފައިވާ ކަމަށާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ އާ ތަސައްވުރާއެކު މަސަައްކަތް ކުރަމުން ގެންދަވަނީ ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލިސްތައް ކަރުދަހާ ނުލައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއި ހަލުވި ކަމާއެކު ކޯޓުގެ މަސައްކަތްތައް ބައްޓަން ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން