ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ނިންމަވައިފިއެވެ.

ޔައުގޫބުގެ މެންބަރުކަމާ މެދު ސުވާލު އުފެދުނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް)ގެ ކައުންސިލަށް އޭނާ އައްޔަންކުރުމާ ގުޅިގެންނެވެ. ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ މިނިވަން މުސްތަގިއްލު ޝަހުސެކެވެ.

އައިސީއޭއެމްގެ ކައުންސިލް މެންބަރުކަން ޔައުގޫބް ގަބޫލުކުރެއްވުމާއެކު ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ފަރާތްތަކުން ވަނީ އެ މަގާމާ ޔައުގޫބް ހަވާލުވި ހިސާބުން އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. ގާނޫނީ ދާއިރާގެ މެންބަރުންގެ ކަންބޮޑުވުންތަކާއެކު، އިއްޔެ ޔައުގޫބު ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް މިރޭ "ވަން"އަށް ވިދާޅުވީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދާނެ ކަމަށެވެ.

"ގާނޫނުގައި އެބައޮވޭ މެންބަރުކަން ގެއްލޭނެ ވަކި ހާލަތްތަކެއް. ކައިވެނިކޮށް، ވަރިކޮށްފައި ކައިވެނި ރުޖޫއުކުރާ އުސޫލުން މަޖިލީސް މެންބަރުކަމުން ވަކިވުމަށްފަހު، މެންބަރުކަން ރުޖޫއައެއް ނުކުރެވޭނެ،" ހަލީމް ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނާގޮތުން، މަޖިލިހުގެ މެންބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެއެވެ.

ހަލީމް ވިދާޅުވީ، އެ މަގާމާ ޔައުގޫބް ހަވާލުވި ހިސާބުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށާއި ދެން ޖެހޭނީ އިންތިހާބެއް ބާއްވައިގެން އަލުން އެ ގޮނޑިއަށް މެންބަރަކު އައްޔަނުކުރަން ކަމަށެވެ.

އައިސީއޭއެމްގެ ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޔައުގޫބް ވަނީ އޭނާ އިސްތިއުފާ ދެއްވީ ގާނޫނީ މައްސަލައެއް އޮވެގެން ނޫން ކަަމަށާއި ނަމަވެސް އެއީ މަސްލަހަތަށް ބަލައި އެންމެ ރަނގަޅު ގޮތް ކަމަށް ވުމުން ކަމަށް ވިދާޅުވެފައެވެ.