ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައި، "ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލު" ހައިކޯޓުން ބާތިލްކޮށްފި އެވެ.
އެ އުސޫލަކީ، 25 ޖުލައި 2016 ގައި ލޯކަލް ގަވާމެންޓް އޮތޯރިޓީ، (އެލްޖީއޭ) އިން އަމަލު ކުރަންފެށި އުސޫލެކެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ އުސޫލު ބާތިލް ކުރުމަށް ހައިކޯޓަށް ހުށަހެޅީ، ޒިމްނާ އަބުދުލް މުހުސިން އާއި، ރައިފާ އަބްދުލް ވައްހާބެވެ. އެ ފަރާތުން މި މައްސަލަ ހައިކޯޓަށް ފުރަތަމަ ހުށަހެޅީ، 29 ޖެނުއަރީ 2018 ގައެވެ. އެފަހަރު ހައިކޯޓުގެ ރަޖިސްޓްރާ ނިންމީ އެ މައްސަލަ ބެލުމަކީ ހައިކޯޓަށް ލިބިގެންވާ އިހުތިސާސެއް ނޫން ކަމަށެވެ.
ނަމަވެސް ރަޖިސްޓްރާގެ އެ ނިންމުން މުރާޖައާ ކުރުމަށް 2019 މާޗްގައި އަނެއްކާވެސް އެފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އެ ފަހަރު އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ މައްސަލަ ބެލުމަކީ ހައިކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްް ކަމަށް ނިންމަވައި ރަޖިސްޓްރާގެ ނިންމުން ބަދަލުކޮށް މައްސަލަ ބަލަން ފެއްޓެވިއެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން މި މައްސަލަ ބަލައި، އެ ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ އެލްޖީއޭއިން އެކުލަވާލައިގެން އަމަލުކުރަން ފެށި "ކައުންސިލުން ކުރާ ގާނޫނާއި ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލު" އަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާއިން ބާރު ލިބިގެން، އެ މާއްދާގެ އިމުގެ ތެރެއިން ހަދާފައިވާ އުސޫލެއް ކަމަށް ނުވާތީ، މި އުސޫލަކީ ގާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ށ) އާއި، 94 ވަނަ މާއްދާ އާއި 271 ވަނަ މާއްދާ އާއި 274 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން ހަދާ ގަވާއިދުގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަ ނުކޮށް، އެ މާއްދާތަކާ ހިލާފަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށްވާތީ މި އުސޫލަކީ ގާނޫނު އަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާތިލު އުސޫލެއް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ހުކުމް ކުރާ ކަމަށެވެ.
މި މައްސަލައިގައި އޮތް އެންމެ ފަހުގެ އަޑު އެހުމުގައި އެޓާނީ ޖެނެރަލް އޮފީހުންނާއި އެލްޖީއޭގެ ފަރާތުން މައްސަލައަށް ޖަވާބު ދެއްވައި ވާހަކަ ދައްކަވަމުން އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީ އަހުމަދު ނަޝާތު ވިދާޅުވީ އެ އުސޫލަކީ ގާނޫނާ ހިލާފު އުސޫލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އާއްމުކޮށް ކަން ހިނގާ އުސޫލަކީ ދައުލަތުގެ އެއްވެސް ތަނަކުން އުސޫލެއް ހަދައި ޝާއިއު ކުރާނަމަ ގާނޫނީ ލަފައެއް ހޯދުމަށް އޭޖީ އޮފީހަށް ފޮނުވުން ކަމަށާއި ނަމަވެސް އެ އުސޫލަކީ އޭޖީގެ ގާނޫނީ ލަފާ ހޯދާފައިވާ އުސޫލެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އަށްވަނަ އިސްލާހުގެ 13 ވަނަ ބާބުގެ ދަށުން ކައުންސިލަރުންގެ ސުލޫކީ މިންގަނޑު ގާނޫނަށް އިތުރު ކޮށްފައި ވާތީ އެ އުސޫލަށް މިހާރު އަމަލު ކުރަމުން ނުދާ ކަމަށް އެލްޖީއޭއިން ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެލްޖީއޭއިންވެސް އަދި އޭޖީ އޮފީހުންވެސް އެ އުސޫލު ބާތިލް ކޮށްފައެއް ނުވެއެވެ.
ކައުންސިލްތަކުން ކަންކަން ނިންމުމަށް ތަކުރާރުކޮށް ހުރަސް އެޅި ކޯރަމް ހަމަނުވެގެން ޖަލްސާތައް ނުބޭއްވި ކައުންސިލްތަކުގެ ވާޖިބުތައް އަދާކުރުމަށް ނުކުޅެދޭނެމަ މުޅި ކައުންސިލް ރޫޅައިލުމުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ބާރު އެލްޖީއޭއަށް ގާނޫނުން ލިބިދީފައި ވީނަމަވެސް ވަކިވަކި ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭއަށް ގާނޫނުން ލިބިދީފައެއް ނުވެއެވެ.
ނަމަވެސް 25 ޖުލައި 2016 ގައި އެލްޖީއޭ އިން އަމަލު ކުރަންފެށި "ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލު" ގައިވާ ގޮތުން، ކައުންސިލުން ނުވަތަ ކައުންސިލަރުން ކުރާ ކަމަކާ ބެހޭގޮތުން ނަސޭހަތްތެރިވުން، ކައުންސިލް އުވާލުން، އިންޒާރު ދިނުން ކައުންސެލަރުން ސަސްޕެންޑްކުރުމާއި، މުސާރަ ހިފެހެއްޓުމުގެ ބާރު އެލްޖީއޭއަށް ލިބިދީފައި ވެއެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު