ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ދެ ބޭފުޅުން ކަމަށްވާ އިބްރާހީމް ސިޔާދު ގާސިމް އާއި މަރިޔަމް ސަމާ، މާލެއިން ގޯއްޗެއް ބައްލަވައިގެންފިއެވެ.

ސިޔާދާއި ސަމާ މާލެއިން ބައްލަވައިގެންފައިވަނީ މައްޗަންގޮޅީގައި ހުންނަ ގޯއްޗެއް ކަމަށްވާ ކަޝިޝްއެވެ. އެ ގޯތި 9.65 މިލިއަން ރުފިޔާއަށް ބައްލަވައިގެންފައިވަނީ އައިޝަތު އަނީސް، މއ. ކަޝިޝް އަތުންނެވެ.

އެ ވިޔަފާރީގެ މުއާމަލާތާ ގުޅޭގޮތުން ސިވިލް ކޯޓުން އަންގާފައިވަނީ އެއީ ސައްހަ މުއާމަލާތެއް ކަމަށެވެ.

އެގޮތުން ސިވިލް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ މއ. ކަޝިޝް، އާއިޝަތު އަނީސްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. ކަޝިޝް ކިޔާ 3،216 އަކަފޫޓުގެ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދާތަކާއި އަމިއްލަ ބިމުގެ މިލްކުވެރިކަން 9.65 މިލިއަން ރުފިޔާއަށް ގަނެފައިވާތީ އެ ގޯތީގެ މިލްކުވެރި ފަރާތަކީ އިބްރާހިމް ސިޔާދު ގާސިމާއި މަރިޔަމް ސަމާ ކަމުގައި ކަނޑައަޅައި ހުކުމް ކޮށްފައިވާ ކަމަށެވެ.

"މއ. ކަޝިސް، އާއިޝަތު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މއ. ކަޝިޝް ކިޔާ 3216 އަކަފޫޓުގެ އަމިއްލަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިން، މ. މާފަންނުވިލާ، އިބްރާހިމް ސިޔާދު ގާސިމާއި މ. މާފަންނުވިލާ، މަރިޔަމް ސަމާއަށް 9،648،000ރ ގެ އަގަށް ވިއްކުމުން މި އަގަށް މި ގޯތީގެ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިން އިބްރާހިމް ސިޔާދު ގާސިމާއި މަރިޔަމް ސަމާގެ ފަރާތުން ގަނެ، ވިޔަފާރި އަގުދުކޮށް، މި ވިޔަފާރީގެ އަގު ހަލާސްކޮށްފައިވާތީ، މި ވިޔަފާރީގެ ސައްހަ ކަމަށާއި މި ވިޔަފާރީގެ ސަބަބުން، މއ. ކަޝިޝް ކިޔާ 3216 އަކަފޫޓުގެ އަމިއްލަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިމުގެ މިލްކުވެރި ފަރާތަކީ އިބްރާހިމް ސިޔާދު ގާސިމާއި މަރިޔަމް ސަމާ ކަމުގައި ކަނޑައަޅައި ހުކުމް ކޮށްފީމެވެ..،" ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.

ސިޔާދު ގާސިމާއި ސަމާ މާލެއިން ގޯއްޗެއް ބައްލަވައިގެންނެވި އިރު، ގާސިމް ވެސް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު މާލެއިން 4،133 އަކަފޫޓުގެ ބިމެއް 12 މިލިއަން ރުފިޔާއަށް ބައްލަވައިގެންފައެވެ. ގާސިމް ބައްލަވައިގަތީ ވިޔަފާރިވެރިޔާ، މ. ވާދީރޯސް މުހައްމަދު އަހުމަދު ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. ވާދީބިލްޑިންގް އެވެ.