ރާއްޖޭގެ ޗާޓާޑް އެކައުންޓެންޓް ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) އުފައްދައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައިސީއޭއެމް އުފައްދަވާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް އޮފީހުން ބުނީ ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީގައި ނަމްބަރު ޖެހުމުގައި، އައިސީއޭއެމް އިން ޖަހަން ޖެހޭ ނަންބަރަކަށް ކަނޑައާޅާފައިވަނީ "484" ކަމަށް ރައީސް ސޯލިހު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އައިސީއޭއެމް އުފައްދައި، އެތަނުން ދޭ ލައިސެންސެއް އޮވެގެން ނޫނީ އޮޑިޓު ނުކުރެވޭ ގޮތަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި "ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ބިލު" ރައީސް ތަސްދީގު ކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މި ބިލުގައި އެކައުންޓެންސީ ދާއިރާއާ ގުޅޭ ކަންކަން ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަންފީޒުކޮށް، ދިވެހިރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ގާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި ގާނޫނީ ޝަހުސެއް އުފައްދުމަށް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން އެ އިންސްޓިޓިއުޓްގެ މެންބަރުންގެ ގިންތިތައް ކަނޑައަޅައި އެކި ގިންތީގެ މެންބަރުންގެ ޝަރުތުތަކާއި އެ މެންބަރުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތަކާއި އެނޫން ވެސް ކަންކަމާ ގުޅޭ އުސޫލުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގައި އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި ގިންތިކުރުމާއި މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެ އިދާރާއަށް ލިބިގެންދާނެއެވެ. އަދި ރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާއި ގިންތިކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އައި މަސައްކަތް އިންސްޓިޓިއުޓަށް ބަދަލުވެގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު