އަހަރުތަކަކަށް ފަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި މަތީ ތައުލީމާއި ތަމްރީނާއި ގުޅޭ ތަފާސް ހިސާބުން މިދިޔަ އަހަރު ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ޕްރޮގްރާމުތަކުގައި 13،999 ދަރިވަރުން ބައިވެރިވިކަމަށް ދައްކައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި 2019 ވަނަ އަހަރުގެ ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ ތަފާސް ހިސާބު ހިމެނޭ ފޮތެއް މިހާރު ވާނީ ނެރެފައެވެ. އެގޮތުން މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މަތީ ތައުލީމާއި ތަމްރީނާއި ގުޅޭ ތަފާސް ހިސާބަކީ ގަވާއިދުން ބެލެހެއްޓިގެން އާއްމުކުރެވޭ މައުލޫމާތަކަށް ވެފައި ނުވާތީ އެކި ދަތިތަކާ ކުރިމަތިވާކަން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން ގަވައިދުން މި ތަފާސް ހިސާބުތައް އާންމު ނުކުރެވުމުގެ ސަބަބުން މި ދާއިރާއިން ދިރާސާކުރާ ފަރާތްތަކަށާއި މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގައި ދަތިތަކެއް ހުރިކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މި ޝާއިއު ކުރެވުނު ފޮތަކީ ދަރިވަރުންގެ އިތުރުން މުދައްރިސުންނަށް އަދި އިލްމީ ދިރާސާތައް ކުރާ މީހުންނަށް ވަރަށް މުހިންމު ފޮތަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ފޮތުގައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ޕްރޮގްރާމުތަކުގައި ޖުމުލަ 13،999 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ދައްކައެވެ. ކޮލެޖާއި ޔުނިވާސިޓީތަކުން ޖުމުލަ 843 ޕްރޮގްރާމެއް 2019ވަނަ އަހަރު ހިންގި ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިދިޔަ އަހަރު މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވި 59 އިންސައްތަ ދަރިވަރުންނަކީ އަންހެން ދަރިވަރުން ކަމަށް މިނިސްޓްރީން ފާހަގަ ކުރެއެވެ. 2019ގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ދަރިިވަރުން ކިޔަވާ ދާއިރާތަކަކީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން އެންޑް ލޯ، އެޑިއުކޭޝަން އަދި އާޓްސް އެންޑް ހިއުމެނިޓީސް ދާއިރާކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.
2019ގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ މަދުން ދަރިިވަރުން ކިޔަވާ ދާއިރާތަކުގެ ގޮތުގައި ފާހަގަވެފައިވަނީ ނެޗުރަލް ސައިންސް، މެތަމެޓިކްސް އަދި ސްޓެޓިސްޓިކްސް ގެ ދާއިރާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި 2019 ވަނަ އަހަރު އެންމެ ގިނައިން ކޮލެޖުތަކުން ހިންގާފައިވަނީ ޑިގްރީ އަދި ސެޓްފިކެޓް ލެވެލް 4 އެއްގެ ޕްރޮގްރާމްތައްކަންވެސް މިނިސްޓްރީން ފާހަގަ ކުރެއެވެ.
ދަރިވަރުން ދަސްވެނިވި ނިސްބަތަށް ބަލާއިރު، އެންމެ ގިނަ ދަރިވަރުން ދަސްވެނިވެފައިވަނީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން، ލޯ، އައިޓީ، ޕްރައިމަރީ ޓީޗިންގް އަދި ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިންކަން ފާހަގަ ވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް