ކޯޓު އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ނިންމާ ނިންމުމެއް އިސްތިއުނާފު ކޮށްފިނަމަ، އިސްތިއުނާފު ކުރި ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓުން ބަލައި ނިންމަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅައި ރައްޔިތުންގެ މަޖިލީޙުން ފާސްކޮށްފިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ގޮތުގައި އެކަން ކަޑައަޅައި މިއަދު މަޖިލީހުން ބިލް ފާސްކުރީ ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބިލުގައި ބުނެފައި ވަނީ، ކޯޓަކުން ކޮށްފައިވާ ހުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް، ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ގާނޫނުއަސާސީ އާއި ނުވަތަ ޝަރުއީ އުސޫލުތަކާއި، ނުވަތަ ގާނޫނުތަކާހިލާފް ކަމަށް ގަބޫލު ކުރެވިގެން، އެކަން ފާހަގަކޮށް ކަމާބެހޭ ފަރާތަކުން އެ ހުކުމެއް، ނުވަތަ އަމުރެއް، ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެ ކަމަށެވެ.
ކޯޓުން ކޮށްފައިވާ ހުކުމެއް ނަމަވެސް އެ ހުކުމް ކުރާ ތާރީހުން ފެށިގެން، 60 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިހާރު ގާނޫނުގައި އޮންނަގޮތުން އެ ފަދަ މައްސަލައެއް އިސްތިއުނާފު ކުރަން ލިބޭނީ، އެންމެ ތިންމަސް ދުވަހެވެ.
ބިލުގައި ވަނީ، ކޯޓުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން، ހުށަހެޅުމުގެ މަރުހަލާގައި ކޯޓުން ނިންމާފައިވާ ނިންމުމެއް، އެ އަމުރެއް ނެރޭ ނުވަތަ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން 10 ދުވަސްތެރޭގައި އިސްތިއުނާފު ކުރެވިދާނެ ކަމަށެވެ.
ނަމަވެސް އެފަދަ އެއްވެއްކަމެއް ދއުލަތުން އިސްތިއުނާފް ކުރާނަމް އެއަމުރެއް، ނުވަތަ ނިންމުމެއް ނިންމާތާ 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފް ކުރަންވާނެ ކަމަށް ބިލުގައި ބުނެ އެވެ.
ބިލުގައި ބުނަނީ، ކޯޓުން ނެރޭ އަމުރެއް، ނުވަތަ ނިންމާ ނިންމުމެއް، އިސްތިއުނާފު ކުރުމުން، އެ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ އަމުރާމެދު، ނުވަތަ އެ ނިންމުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު