ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭކަމަށް ބުނެ ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ޗެނަލް 13 އިން އިއްޔެ ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމަކަށް ގުޅި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް އަލިފާން ޖަހަން ފެންނަ ކަމަށް ބުނެފައެވެ.
"އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް ވާހަކައަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ގައިގައި އަލިފާން ޖަހަން،" އެމީހާ ބުންޏެވެ.
އެމީހާ އެހެން ބުނެފައިވަނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ޕްރޮގްރާމް ހުށަހަޅައިދޭން އިން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ފުލުހުންގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިންވެސް އަންނަނީ ބަލަމުންނެވެ.
ބްރޯޑްކޮމްއިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޗެނަލް 13 އިން ނެރުނު ދެންނެވުމެއްގައި ބުނީ، އެމީހާ އެހެން ބުނެފައިވަނީ އެމީހާގެ އަމިއްލަ ރައުޔުގެ މައްޗަށް ބިނާކޮށް ކަމަށާއި އޭނާ އެހެން ބުނުމާއެކު ފޯނު ކޯލު މެދުކަނޑާލާފައިވާ ކަމަށެވެ.
ޗެނަލް 13 އިން ވަނީ އެކަމާ ގުޅިގެން ބެލުންތެރިންގެ ކިބައިން މައާފަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު