އެކި ކޯޓުތަކުގައި ވަކާލާތު ކުރެވޭނެ ފީތަކެއް ކަނޑައަޅައިގެން ރާއްޖޭގެ ކޯޓުތަކުގައި ކުރިއަށްގެންދާ މައްސަލަތަކުގައި ބިދޭސީ ވަކީލުން ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާބެހޭ ގަވައިދު އާއްމުކޮށްފިއެވެ.

ބާ ކައުންސިލުން އެކުލަވާލައި ގެޒެޓުގައި ޝާއިއުކޮށްފައިވާ މި ގަވައިދަކީ ރާއްޖޭގެ ކޯޓުތަކުގައި، ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިނުމަށް ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅައި އެކަމާބެހޭ ގަވައިދު އެކުލަވައިލުމަށް އެ ގާނޫނުން ބާ ކައުންސިލަށް މަތިކޮށްފައިވާ ގަވައިދެވެ.

މި ގަވައިދުގައި ބުނާގޮތުން ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގެ ފީއެއްގެ ގޮތުގައި، ދަށު ކޯޓުތަކުގައި ވަކާލާތު ކުރަން ހުއްދަ ދޭ ނަމަ 2000 ރުފިޔާ، ހައި ކޯޓުގައި ނަމަ 5،000 ރުފިޔާގެ ފީއެއް އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމަށް 10،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ.

ގަވައިދުގައިވާ ގޮތުން ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް އެދި ބާ ކައުންސިލަށް ހުށަހެޅޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރަޖިސްޓަރީކޮށްފައިވާ ލޯ ފާމްތަކަށެވެ. ނަމަވެސް ވަކާލާތު ކުރަން ހުއްދަ ދޭ މައްސަލަ ނޫން މައްސަލަތަކުގައި، ބިދޭސީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތެއް ނުކުރެވޭނެއެވެ.

ބިދޭސީ ވަކީލަކަށް ވިިޔަސް، ވަކާލާތު ކުރުމުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާއި ސުލޫކީ މިންގަނޑުތަކަށް އަމަލު ކުރަން ލާޒިމު ވާއިރު އެފަދަ ވަކީލުން އަމަލުކުރާ ގޮތް ބެލުމަކީ އޭނާއަށް ހުއްދަ ދޭން ބާ ކައުންސިލުގައި އެދުނު ފަރާތުގެ ޒިންމާއެއް ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ގަވައިދުގައިވާ ގޮތުން، ބިދޭސީ ވަކީލުންނަށް ހުއްދަ ދެވޭނީ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެ ހުއްދަ އާ ނުކުރާ ނަމަ ނުވަތަ ވަކާލާތު ކުރަން ހުއްދަ ދިން މައްސަލަ ކޯޓުން ނިމުމާއެކު އެ ހުއްދަ ބާތިލުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ސުލޫކީ މިންގަނޑާ ހިލާފުވެގެން ވަކީލަކާ މެދު ބާ ކައުންސިލުން ފިޔަވަޅު އަޅައިފި ނަމަ ބިދޭސީ ވަކީލުންގެ ހުއްދަ ބާތިލުކުރެވިދާނެ ކަމަށް ވެސް ގަވައިދުގައި ހިމަނާފައިވެއެވެ.